އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކުރީ މާދަމާގެ ހެނދުނު 11:00 އަށެވެ.
ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ފެރީ ހިދުމަތް ދިނުމަށް ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމާއި ގުޅިގެން އެކުންފުނިން އެމައްސަލަ ސިވިލްކޯޓައް ހުށަހެޅީ 2013 ވަނަ އަހަރު އެވެ. ދައުލަތުން ދީބާޖާ އާއިއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ އެ އެއްބަސްވުމާއި ދީބާޖާ ކުންފުނިން ހިލާފިވެފައިވާކަމަށް ބުނެއެވެ.
ނަމަވެސް އެއްބަސްވުމުގައި ދައުލަތުން ދީބާޖާ ކުންފުންނަށް ދޫކުރުމަށް ލާޒިމްކަމަށް ބަޔާންކޮށްފައިވާ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބޭނުންވާ ބިން ދޫކޮށްފައިނުވާތީ، ސިވިލްކޯޓުން ނިންމީ އެ އެއްބަސްވުމާއި ދައުލަތުން ހިލާފުވެފައިވާ ކަމަށެެވެ. އަދި އެކުންފުންޏަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ވަނީ ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
ނަމަވެސް ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، ސުޕްރީމް ކޯޓުން ވެސް ކަނޑައެޅި އެ ފައިސާ ދީބާޖާއަށް ދިނުމަށެވެ. ނަމަވެސް އަނެއްކާވެސް ދައިލަތުން ވަނީ މިމައްސަލަ ސުޕްރީމް ކޯޓުގައި މުރާޖާ ކޮށްދިނުމަށް އެދިފައެވެ.
އެގޮތުން މިމައްސަލާގައި ދައުލަތުން މީގެކުރިން ބުނެފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ނުވީ ސިވިލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވެގެން ކަމަށެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވި ނަމަވެސް މަގްބޫލު އުޒުރަކާއެކު މައްސަލައެއް ބަލައި ގަނެވޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ވާކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމަކަށް ވާތީ، އެނިންމުން ބާތިލުކޮށް މައުލޫއީ ގޮތުން އެ މައްސަލަ ބަލާ ނަމަ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށެވެ. ނަމަވެސް މިކަމުގައި ދީބާޖާއިން ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އަލުން އެ ކޯޓަށް ބެލޭނެ ހަމައެއް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ.