ads
ހިއްކާފައި ހުރި މަސް-- ފޮޓޯ: ރާއްޖެއެމްވީ
ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި
ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށެވެ. 

ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވަމުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި އެގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަޖިތު ނިވާދު ކަބްރާލްއާއެކު ކުރެވުނު މަޝްވަރާތަކުގެ ދަށުން ވަނީ ރާއްޖެއިން ލަންކާއަށް މަސް އިމްޕޯޓްކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް މީގެ ކުރިން މިނިސްޓަރު ޝާހިދު ވިދާޅުވެ އެވެ.

ހިއްކާފައި ހުންނަ މަހުގެ ގިނަ ބާވަތްތައް އެތެރެކުރުން ލަންކާގެ އާސަރުކާރުން މަނާކުރީ އެހެންގައުމުތަކުން މަސް އެތެރެކުރުމުން އެގައުމުގެ މަސްވެރިންނަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް