މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ގައި އެލްޖީއޭއަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން ކޮރަޕްޝަނުގެ ތުހުމަތުތަކެއްގެ ކުރާއިރު އުތީމު ކޭބަލްޓީވީ ހިދުމަތުގެ އެއްބަސްވުމަކާއި ގުޅޭގޮތުންވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާކަމަށް މައިލޫމާތު ލިބެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަބްދުﷲ ރަޝީދުއާއި މެދު ކޮށްފައިވާ ތުހުމަތުތަކުގައި ހިމެނެނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެއީ ސީދާ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން ޝުޖާއު ވަނީ މިއީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް އިދިކޮޅު ކޯލިޝަނުން އަތޮލޫތެރޭގެ ކައުންސިލްތަކަށް ވާދަކުރަން ނިކުންނަ ފަރާތްތަކަށް ބިރުދެއްކުމަށް ސަރުކާރާއި އެލްޖީއޭއިން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ، އުތީމު ކައުންސިލް އަކީ އެންމެ ފަހުން ނެގުނު ކައުންސިލްތަކުގެ ރިޕޯޓުންވެސް ހއ.އަތޮޅުން ދެވަނައަށް އެންމެ ރަނގަޅު ކައުންސިލްކަމަށް ފާހަގަކޮށްފައިވާ ކައުންސިލް ކަމަށާއި، ނަމަވެސް މިފަދަ ތުހުމަތުތަކެއް ކޮށް އަބްދުﷲ ރަޝީދާއިމެދު މިފަދައިން ކަންތައް ކުރެއްވިއިރު، ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތަށް ކުރެވިފައިވާ މާލެސިޓީ މޭޔަރު ޝިފާގެ މައްސަލަތައް އޮއްބާލައި ޝިފާ "ހުދު ކާފޫރު" ކޮޅަކަށް ހެދުމަށް އެލްޖީއޭއާއި މުޅި ދައުލަތް އެކުވެގެން މަސައްކަތް ކުރައްވާކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެލްޖީއޭއަށް ކައުންސިލް މެމްބަރުން މިގޮތަށް ސަސްޕެންޑް ނުކުރެވޭނެކަމަށް ހައިކޯޓުން ބުނެފައިވާކަމަށް، އިދިކޮޅު ކޯލިޝަންގެ ލީގަލްޓީމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން މިހާރު އެކަން އިތުރަށް ދިރާސާ ކުރަމުންދާކަމަށެވެ. އަދި މިކަން އެހާ ފަސޭހައި ދޫކޮށް ނުލާނެ ކަމަށާއި، އަބްދުﷲ ރަޝީދުގެ ދިފާއުގައި މުޅި އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރައްވާނެ ކަމަށް ޝުޖައު ވިދާޅުވިއެވެ.