
އާކް އެއިޑް އަކީ ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އާކް ޖަމިއްޔާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ބީއެމްއެލް އިން ދެމުން ގެންދާ އެހީތެރިކަމުގެ ދަށުން އެ ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށް ދޮޅު ލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެ ޕްރޮގްރާމްގެ ދަށުން އާކް އިން ދަނީ ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބީއެމްއެލް އިން ހަދިޔާކުރި ފައިސާ އިން ހއ، ހދ، މ، ފ، އަދި ދ އަތޮޅުގެ އެހީ އަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ އަތޮޅުތައް އިތުރުކުރާނެ ކަމަށް އާކް އިން މައުލޫމާތުދެ އެވެ.
ފާއިތުވެ ދިޔަ ޖޫން މަހުގައި ވެސް ބީއެމްއެލް އިން ވަނީ އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށް ފައެވެ. އެ ފޯރުކޮށްދެވުނު އެހީތެރިކަމުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން ދަނީ މުޖުތަމައު އަށް ފައިދާ ހުރި ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.