މިއަދު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮންސަލްޓެންޓް އެންޑް ޕްރޮޖެކްޓް ޑިރެކްޓަރު ޝުހާދު އިބްރާހީމް ވިދާޅުވީ ބައެއް ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ޖަމާކޮށް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ އެ ފަރާތްތަކުން ފުރިހަމަ ލިޔެކިއުންތައް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އެގޮތުން ބައެއް ފަރާތްތަކުން ހުށަހަޅާ ލިޔެކިއުންތަކުގައި މައްސަލަ ފާހަގަ ކުރެވިގެން އަނބުރާ ފޮނުވާލަން ޖެހޭ ކަމަށާއި، އެގޮތަށް އެންމެ ގިނައިން މައްސަލަތައް ފާހަގަކުރެވިފައި ވަނީ ހުށަހަޅާ ބޭންކް ސްޓޭޓްމެންޓް ތަކުގައި ކަމަށް ވެސް ޝުހާދު ވިދާޅުވި އެވެ. އަދި ތިންވަނަ ފަރާތެއްގެ ނަމުގައި ބައެއް ފަރާތްތަކުން ހުށަހަޅާ އެޕްލިކޭޝަން ތަކުގައި އެ ފަރާތްތަކުގެ ބައެއް މައުލޫމާތު ނުބައިކޮށް ހުށަހަޅާކަން ވެސް ޝުހާދު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަނީ ޖުލައި މަހުން ފެށިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ދަތި ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ޖަމާކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.