ads
ފަތުރުވެރިންތަކެއް-- ފޮޓޯ: ރާއްޖެއެމްވީ
އިގްތިސާދަށް ކުއްލި ލޮޅުމެއް، ވައުދުތައް ފުއްދުމަށް މިއީ މުހިއްމު ދަނޑިވަޅެއް!
ގައުމެއްގެ އެންމެ މުހިއްމު ގުނަވަނަކީ އިގްތިސާދެވެ. އިގްތިސޯދަށް ކުރާ ކޮންމެ އަސަރެއް ވަކިވަކި ފަރުދުންނަށް ކުރެ އެވެ. އެހެންކަމުން ގައުމުގެ ކުރިމަގާއި ހާލަތު ބިނާވަނީ އިގްތިސޯދު އޮންނަ ގޮތެއްގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރޭއިރު، މި މުއްދަތުގައި އިގްތިސޯދީ ގޮތުން އައި ބަދަލުތަކާއި ހާސިލްވި މިންވަރެއް ބަލާލުން މުހިއްމެވެ.

"ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުމާއި، ދައުލަރުގެ ދަރަނި ހަމަމަގަށް އެޅުވުމާއި، ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމާއި، ޤައުމުގެ މުއްސަނދިކަން އިންސާފުވެރިކޮށް ބެހިގެންދާނެ އިޤްތިސާދެއް ބިނާކުރުން،" މިއީ ކޯލިޝަން ސަރުކާރުގައި އިގްތިސޯދު ބިނާވެގެން ވާނެ މައިގަނޑު އަސާސް ކަމަށް މެނިފެސްޓޯގައި ލިޔެފައި ވެއެވެ. 

"ނޫ އިގްތިސޯދު" ސިޔާސަތުގެ ދަށުން ސަރުކާރުން އިސްކަން ދޭނެ ކަމަށް ބުނެފައި ވަނީ ތަފާތު އިގްތިސޯދީ ހަރަކާތްތަކާއި ސިނާއަތްތައް ތައާރަފް ކުރުމަށެވެ. އިގްތިސާދީ މަސައްކަތްތަކަށް މާލީ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހު އުފެއްދު އެސްއެމްއީ ބޭންކުން މިހާތަނަށް ވަނީ އެތައް މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ދޫކޮށްފަ އެވެ. އަންހެނުންނަށް ހާއްސަ އިސްކަމެއް ދިން އިރު، ކޮވިޑާ ގުޅިގެން ލޯނު އަނބުރާ ދެއްކުން ފަސްކޮށް، އިތުރު ލޯނު ވެސް ތައާރަފު ކުރި އެވެ. 

your imageއެސްޑީއެފްސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް އެތަން ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް 

ކަރަންޓުގެ އަގު އެއް ހަމައަކަށް ގެނައުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ، މީގެ ބޭނުމަކީ ޔުޓިލިޓީޒްގެ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ފޯރުކޮށްދިނުމެވެ. މީގެ ދަށުން މާލެއާ އެއް އަގަކަށް ކަރަންޓުގެ ރޭޓް އަތޮޅުތަކުގެ ގެނެސްފައި ވެއެވެ. ހަމަ އެހެންމެ، ކާން ބޭނުން ކުރާ އެންމެ އަސާސީ ކާޑުގެ ބާވަތްތަކުން ވެސް މި ބަދަލު ފެންނާނެ އެވެ. ރަށްރަށް ބޯފެނަށް ނުޖެހޭނެކަން ކަށަވަރު ކުރުމަކީ ވެސް ވައުދެކެވެ. އެކަމަކު މިއާދާ ހަމައަށް އަދި މިކަމަށް ވާސިލްވެވިފައެއް ނުވެ އެވެ. 

"ފަރުތައް ދިރުވުމާއި ރަށްތައް ހިމާޔަތްކުރުން ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްތައް ރަށްރަށުގެ ގުދުރަތީ މާހައުލާއި ބީރައްޓެހި ނޫން އާ ސިފަޔަކަށް ކުރެވޭ މަސައްކަތަކަށް ބަދަލުކުރެވޭނެއެވެ. ސިމެންތި ތޮއްޓާއި ގަލާއި ބޮޑުހިލަ ޖެއްސުމުގެ އަގުބޮޑު، ބޯދާ ވިސްނުން ދޫކޮށްލާ، ޒަމާނީ ފެންވަރަށް އުފެއްދޭ ޖަޒީރާ ރަށުގެ ފަރު ތައާރަފް ކުރެވޭނެއެވެ. މިބާވަތުގެ ފަރު، ރަށުގެ ވަށައިގެން ފަނާވަމުންދާ ފަރާއި ފަޅުތެރޭގައި އަތުރާ، ރަށުގެ ސަލާމަތްކަން ދުރަތުން ލައްވާފައިވާ ނިޒާމާއި ފުށުނާރާ ގޮތަށް ބަދަލުކުރެވޭނެއެވެ،" މިއީ ހައްތަހާވެސް މެނިފެސްޓޯގައި ހިމެނޭ ވާހަކަ އެވެ. 

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރަށްތަކުގެ މިފަދަ ތަރައްގީ ގެނުވާނެ ކަމަށް ބުނެފައި ވީ ނަމަވެސް، މިކަން މިގޮތަށް ކުރެވޭ މަންޒަރެއް އަދި ނުފެނެ އެވެ. ފެންނަމުން ދަނީ ކުރިއެކޭ އެއް ގޮތަށް ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތަކާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް ކުރިއަށް ދާ ތަނެވެ. އޭގެ އިތުރުން "ނޫ އިގްތިސޯދު" ސިޔާސަތުގެ އެންމެ މުހިއްމު ބަޔަކީ މަސްވެރިކަން ތަފާތު ގޮތްތަކަށް ކުރިއެރުވުން ކަމުގައި ވާއިރު، އަދާ ހަމައަށް އެ ސިނާއަތަށް ފާހަގަކުރެވޭ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

your imageހަނިމާދޫ ބަނދަރު މަޝްރޫގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ

ނަމަވެސް ބޭރު ބޯޓުތަކުން ރާއްޖެ ސަރަހައްދުން މަސް ބޭނުން މަދު ކުރެވި، ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދެވި، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވާލުމުގެ މަސައްކަތް ކޮށްފައި ވެއެވެ. އޭގެ އިތުރުން މެރިކަލްޗާ ފުޅާ ކުރުމާއި ފަރުމަހުގެ މަސްވެރިކަން ފުޅާ ކުރުމާއި، މަސްމާރުކޭޓުތައް ރަނގަޅު ފެންވަރަށް ހެދުމާއި ޒުވާން މަސްވެރިން ތަމްރީން ކުރުމަށް ވެސް ވައުދުވެފައި ވެއެވެ. މަސްވެރިކަމާ އެއް ވަރަށް ދެން މާ ބޮޑު ކުރިއެރުމެއް ނާންނަ ދާއިރާއަކީ ދަނޑުވެރިކަމެވެ. 

"ޒަމާނީ އެގްރި ދަނޑުގައްޔާއި، ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވާމުންނާއި، ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކާނާ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓު މެދުވެރިކޮށް ފޯރުވާ، އެތަކެތި ވިއްކޭނެ ފަދަ އެގްރި ސެންޓަރު ގާއިމްކުރެވޭނެއެވެ. ހައްދާ ތަކެތި ގިނަކޮށް، އެ ވިއްކި، އެއިން ފައިދާ ލިބޭނޭ ކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިޔާއަށް ލިބޭނެއެވެ. ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ތަޢާރަފްކޮށް ކެމިކަލް ބޭނުން ކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމަށް އަމާޒުހިފޭނެއެވެ،" މެނިފެސްޓޯގައި ވަނީ މިހެންނެވެ. 

އެކަމަކު ފާއިތުވި ދެ އަހަރުގެ ތެރޭގައި އެފަދަ އިންގިލާބީ ބަދަލެއް މި ދާއިރާއަށް އައިސްފައިވާ ކަމަކަށް ފާހަގައެއް ނުކުރެވެ އެވެ. ރާއްޖެއަށް ބޭނުންވާ ކުކުޅުބިހާއި ކުކުޅުގެ ބާވަތްތައް އިމްޕޯޓްކުރަން ޖެހޭ މިންވަރު ދަށްކޮށް، އުފެއްދުންތެރި ކަން އިތުރުކުރެވޭނެ ކަމަށް އޮތް ނަމަވެސް މިހާތަނަށް އެ މަގުން މަސައްކަތް ކުރެވިފައެއް ނުވެ އެވެ. ކޮވިޑުގެ ރޯޅި އައިސް ލައްވާލުމުން އެންމެ ފުރަތަމަ ވެސް އައި ބިރަކީ ކާބޯތަކެތީގެ ދަތިކަން ދިމާވެދާނެ ކަމުގެ ބިރެވެ. މިއިންވެސް އިނގެނީ ކާބޯތަކެތީގެ ދާއިރާގައި އަމިއްލަ ފުދުންތެރިކަން ރާއްޖޭގައި ނެތް ކަމެވެ. 

your imageގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫގެ ތެރެއިން: ފޮޓޯ ޕްލޭނިން

"ދަތުރުފަތުރު ޖަޒީރާވަންތަކަން ނަގާލެވޭ ގޮތަށް ރަށްރަށުން މީހުން ބާލައިގެން ގެނެސް އެއްފަސްކޮށް ތޮއްޖެއްސުމުގެ ދެއުޅިއެއްނުވާ ވިސްނުމުގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތަކީ ޖަޒީރާވަންތަ ސިފަޔާއި ފުށުނާރާގޮތަށް ރަށު ބަންދުން ފިލުވުމެވެ. ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅުވާލުމެވެ،" މެނިފެސްޓޯގައި ލިޔެފައި ވެއެވެ. 

މިކަމަށްޓަކައި ގިނަ އަދަދެއްގެ ރަށްތަކެއްގައި ލަފާ ފުރުމާއި އަރާ ފޭބުން ފަސޭހަކޮށް، ކަނޑު ދަތުރުގެ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އޭގެ އިތުރުން އެއާޕޯޓުތަކުގެ ހިންގުން ހަރުދަނާކޮށްފައި ވެއެވެ. ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް އަޅާނެ ކަމަށް ބުނެފައި ވާއިރު، އެ މަސައްކަތް އަދި ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ދަތުރުފަތުރުފެ ތާވަލު ފެންނާނެ ފަދަ ނިޒާމެއް ވަނީ ތައާރަފުކޮށްފަ އެވެ. އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ދެ އެއާޕޯޓު އެޅުމުގެ މަސައްކަތުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ބޮޑު މަޝްރޫއެއް ކުރިއަށް އެބަ އޮތެވެ. 

your imageހޯރަފުށި އެއާޕޯޓު--- ފޮޓޯ: އެމްޓީސީސީ

"ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރުވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓްހައުސްގެ އިތުރުން، އައިލެންޑް ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފްކުރެވިގެންދާނެއެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގައި އިސްލާމްދީނާ ފުށުނާރާގޮތަށް އަދި ދިވެހިވަންތަކަމަށް އުނިކަން ނާންނާނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކުރެވޭނެއެވެ".

ފަތުރުވެރިކަމުފެ ސިނާއަތުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ކަމަށް ފާއިތުވި ދެ އަހަރުގައި ފާހަގަވެފައި ވެއެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ފްރަންޓް އޮފީހަކީ ރަށު ކައުންސިލް ކަމަށް ކަނޑައަޅާފައި ވެއެވެ. ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެން ހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބަލެހެއްޓުމާ، ރަށް މާކެޓްކުރުމާއި، މި ހުރިހާ ކަމެއް ކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ބޭރު ފައިސާ ގަންނަންޖެހުމުގެ މައްސަލައަށް ޙައްލު ހޯދައި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ބުނެފައި ވީ ނަމަވެސް ކޮވިޑާއެކު ފަތުރުވެރިކަން އިނދަޖެހި އިގްތިސޯދު ހުއްޓުމަކަށް އައުމުން ޑޮލަރުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތިން އަހަރު މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އެންމެ ފަހުން ދެކެވިފައި ވަނީ މުދާ އިމްޕޯޓް ކުރުމަށް ޑޮލަރުގެ ބަދަލުގައި އެހެން ބޭރު ފައިސާއެއް ބޭނުންކުރުމުގެ ވާހަކަ އެވެ. މިއީ ރާއްޖެއިން ބޭރުވާ ޑޮލަރު މަދުކުރެވޭނެ އެއް މަގެވެ. 

your imageގެސްޓުހައުސް ސިންޕޯޒިއަމް ނިއްމުުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ވަން އޮންލައިން

ޤައުމުގެ މުއްސަނދިކަން އެންމެހާ ރައްޔިތުންގެ މެދުގައި ބެހިގެންދާނެ ހަރުދަނާ އިންސާފްވެރި ޓެކްސް ނިޒާމެއް ޤާއިމް ކުރެވޭނެއެވެ. އެގޮތުން، ފަރުދުންގެ އާމްދަނީއިން ނެގޭ ޓެކްސް ތައާރަފްކުރެވި އިންސާފުވެރި ޓެކްސް ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށް މެނިފެސްޓޯގައި ވެއެވެ. އިންކަމް ޓެކްސް މިހާރު ތައާރަފުކޮށްފައި ވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި ފާހަގަކުރެވޭ މިންވަރަކަށް ދައުލަތަށް އާމްދަނީ ލިބެ އެވެ. 

އޭގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްފައި ވެއެވެ. ހަމަ އެހެންމެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން އަނބުރާ ފޮނުވާލުމުގެ މަސައްކަތެއް ފުރަތަމަ ފަހަރަށް ކުރީ ވެސް ފާއިތުވި އަހަރުގެ ތެރޭގަ އެވެ. މި ހުރިހާ ކަމަކަށް ނަޒަރު ހިންގާލާއިރު، ދިމާވި ބޮޑެތި ގޮންޖެހުންތަކާއެކު ވެސް އިގްތިސާދީ ގޮތުން ސަރުކާރުން ވަނީ ދެ އަހަރުގެ ތެރޭގައި ކުރިއެރުންތަކެއް ހޯދާފަ އެވެ. 

އެހެން ނަމަވެސް ފާއިތުވި 100 އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނާ ރާއްޖެއިން ވެސް މިހާރު މިދަނީ ކުރިމަތިލަމުންނެވެ. މި އަޑިގަޑުން އަރައިގަތުމަށް ިހާރު އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ މީގެ ދެ ތިން އަހަރު ފަހުންނެވެ. ގައުމުގެ އިގްތިސާދު ބޮޑު ތަނުން ކުޑަވެފައި ވާއިރު، ކުރިން އޮތް ވަރަށް ފުޅާ ކުރުމަށް އިގްތިސާދީ ހަރަކާތް ހުއްޓުމެއް ނެތި ހިންގަން ޖެހޭ ކަމަށް ސަރުކާރުން ދެކެ އެވެ. އަދި އިގްތިސާދު އެންމެ އަވަހަށް ހަމައަކަށް އެޅޭނީ 2022 ގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވުމާއެކު ފާއިތުވި ދެ އަހަރު ތެރޭ ހާސިލް ނުވެ ހުރި ކަންކަން ކުރުމުގެ އިތުރުން، ވެއްޓިފައިވާ ވަޅުގަނޑުން ތެދުވެ ދުއްވައިގަތުމަށް މި ވަގުތު މުހިއްމު ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް