ads
މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ: ފޮޓޯ ރައީސް އޮފީސް
ސަރުކާރަށް ދެ އަހަރު: ހެޔޮވެރިކަމުގެ ދާއިރާއިން "ސީ" ރިޕޯޓެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ މެދު ކުރި އެންމެ ބޮޑު ޝަކުވާއަކީ ރައްޔިތުންނަށް އަނިޔާވެރިވާ ކަމުގެ ޝަކުވާ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް" ކުރި މަސައްކަތުން ގުޅިފައިވާ ކޯލިޝަން ޕާޓީތަކުން 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ "ހެޔޮ ވެރިކަމެއް" ކޮށްދޭނެ ކަމުގެ ފޮނު ވައުދުތަކާއެކު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުނުއިރު، ރައްޔިތުންނަށްޓަކައި "ހެޔޮ ވެރިކަމެއް" ކޮށްދެވުނީ ކިހާ ވަރަކަށްތޯ ބަލާލުން މުހިއްމެވެ.

ސަރުކާރުގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) އިން ވަނީ ކޯލިޝަން މެނިފެސްޓޯގެ ނަމުގައި ނެރުނު ކަރުދާހެއްގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފަ އެވެ. އެ މެނިފެސްޓޯގައި ކޯލިޝަން ސަރުކާރުގެ ސިފަތަކާއި، މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ކަނޑައަޅާފައި ވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އޮތް އެ މެނިފެސްޓޯ އާއި ލަނޑުދަނޑުތައް ހާސިލް ކުރާނެ ޓައިމްލައިން ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި "ހެޔޮ ވެރިކަމަކަށް" އެތައް ކަމެއް ހިމެނިފައި ވެއެވެ. 

ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން

މެނިފެސްޓޯގައިވާ ގޮތުން ސިފައިންނާއި ފުލުހުންގެ މުއައްސަސާތަކަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާކުރެވިފައިވާ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަބުރުވެރި، ގަދަރުވެރި އަދި ޝަރަފުވެރި މުއައްސަސާތަކެއް ކަމުގައި ހަދާނެ އެވެ. އަދި ސަލާމަތީ ހިދުމަތްތައް ހަރުދަނާކޮށް، ޒަމާނަށް ބައްޓަންކޮށް، ފުލުހުންނާއި ސިފައިންނަކީ ރާއްޖޭގައި އުޅޭ އެންމެހާ މީހުންނާއި، މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި، އަމާންކަމާއި، މިނިވަންކަން ކަށަވަރުކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް މުއައްސަސާތަކަކަށް ހެދޭނެ ކަމަށާއި ސަލާމަތީ ހިދުމަތްތަކަކީ، އެ މުއައްސަސާތަކަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ޒަމާނީ ވަސީލަތްތަކާއެކު ހަރަކާތްތެރިވާ ވަޒީފާގެ ރައްކާތެރިކަން ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ލިޔެފައި ވެއެވެ.

އެކަންކަން ހާސިލްކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި 2019 ވަނަ އަހަރު އެއްވެސް ކަމެއް ހިމަނާފައި ނުވާއިރު 2020 ވަނަ އަހަރަށް ހިމަނާފައި ވަނީ އެންމެ ކަމެކެވެ. އެއީ ހަރުކަށި ފިކުރުގެ މީހުން ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް އެޅުމެވެ. ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ބެލުމުގެ ދަށުން މިހާރު އެ މަރުކަޒު ވަނީ ކ. ހިންމަފުށީގައި ހުޅުވާފަ އެވެ. އަދި ސީރިއާ ހަނގުރާމައިން އެނބުރި އައި ދިވެއްސަކު މިހާރު ހުރީ އެ މަރުކަޒުގައި ބަންދުކޮށްފަ އެވެ. އެހެންކަމުން މި ދާއިރާއިން ކަނޑައެޅު ލަނޑުދަނޑި ވަނީ މުއްދަތަށް ހާސިލްވެފަ އެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިންގެ ތައުލީމީ ގާބިލްކަން އިތުރުކޮށް ތަމްރީން ދިނުމަށް ވެސް އެ ދެ މުއައްސަސާއިން މަސައްކަތް ކުރަމުންދާ މަންޒަރު ފާއިތުވި ދެ އަހަރު ފެނިފައި ވެއެވެ. 

ފުލުހުންނަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ވެސް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން ފުލުހުންގެ އަހުލާގާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެކަމެއްގެ އިންޓާނަލް ތަހުގީގު ފަށައި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަ އެވެ. އެގޮތުން 2019 ވަނަ އަހަރު ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކަށް އަނިޔާކުރި ވީޑިއޯ އާއްމުވުމުން، އެކަމުގައި ހިމެނޭ ފުލުހުންނާ މެދު ފިޔަވަޅު އެޅި އެވެ. ނަމަވެސް މިފަދަ ގިނަ މައްސަލަތަކުގެ ތަހުގީގަށް ވަކި ހިސާބަކުން ވާ ގޮތް އާއްމުންނަށް ސާފުނުވުމަކީ ފުރިހަމަ އިތުބާރު މުއައްސަސާއަށް ކުރުމަށް ދަތިވާ ސަބަބެކެވެ. އެހެންކަމުން މި ދާއިރާއިން ޓްރާންސްޕޭރެންސީ އިތުރު ކުރަން އަދި މަސައްކަތް ކުރަން ޖެހެ އެވެ. 

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުން

މެނިފެސްޓޯގައިވާ ގޮތުން ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ގާއިމް ކުރާނެ އެވެ. އަދި ނޫސްވެރިންގެ މަސައްކަތުގައި އެމީހުންނަށް މިނިވަންކަމާއިއެކު ޚިޔާލުފާޅުކޮށް، މަސައްކަތްކުރެވޭނެ މާހައުލެއް ވެސް ގާއިމްކުރާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ބިރުވެރިކަމެއްގެ ތެރޭގައި އޮތް ފަސް އަހަރެވެ. އެހެންކަމުން އާ ސަރުކާރަކަށް ރައްޔިތުން ވޯޓު ދިން އެއް ސަބަބަކީ އަލުން އެ އަސާސީ ހައްގުތައް ފުރިހަމައަށް ހޯދުމެވެ. 

އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ދާއިރާއިން ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުން ލިބިފަ އެވެ. ހިޔާލު ފާޅުކުރުމަށް ގާނޫނީ ގޮތުން އޮތް ހުރަސްތައް ނައްތާލި އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ އަބުރުގެ ގާނޫނު އުވާލުމެވެ. އަދި ހަމަ އެހެންމެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ސިޔާސީ ނުފޫޒުން ދުރުކުރުމުގެ މަސައްކަތް ފެށި އެވެ. ނިމިދިޔަ ރިޔާސީ ދައުރާ އަޅާ ބަލާއިރު، ފާއިތުވި ދެ އަހަރަކީ ސަރުކާރަށް ފާޑުކިޔުމަށް ނޫސްތަކަށް ފުރުސަތު އޮތް ދެ އަހަރެވެ. އޭގެ އެއް ހެތްކަކީ އިދިކޮޅަށް ތާއީދުކުރާ ގިނަ ނޫސްތަކެއް މިހާރު އޮޕަރޭޓް ކުރަމުން ދިޔުމެވެ.

ނަމަވެސް އެންމެ ފުރިހަމަ މިނިވަންކަމެއް އަދިވެސް ނުލިބެ އެވެ. ފާޑުކިޔުމުން މަގުމަތިން ދިމާކޮށް އިންޒާރު ދިނުން ފަދަ ކަންކަން މިހާރު ވެސް ހިނގަމުން ދެއެވެ. އެހެންކަމުން ފާއިތުވި ދިޔަ ދެ އަހަރު ހޯދުނު މިނިވަންކަން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ކުރުން މަޖުބޫރެވެ. އެހެން ނޫން ނަމަ އެންމެ ފުޅާ މިނުގައި މިނިވަން ނޫސްވެރިކަން ކުރުމަށް ހުރި ހުރަސްތައް ނައްތައެއް ނުލެވޭނެ އެވެ. އަދި އާއްމު ފަރުދުން ހިޔާލު ފާޅުކުރުމަށް ހުރި ހުރަސްތައް ވެސް ދެމިއޮންނާނެ އެވެ. 

ކޮރަޕްޝަން ހުއްޓުވުމާއި ބަދަލު ހޯދައިދިނުން

މިއީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. "އަނިޔާވެރިކަމާ" ދެކޮޅަށް ކުރި މަސައްކަތް އޮތީ "ފަސާދަ ހުއްޓުވުމާ" ގުޅިލާމެހިފަ އެވެ. ނިމުނު ސަރުކާރުގައި ފެންމަތިވީ ރާއްޖެ ދުން އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެހެންކަމުން މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވީ "ކޮރަޕްޝަނަށް ޒީރޯ ޓޮލެރަންސް" ސިޔާސަތެއް ގެންގުޅުމެވެ. އޭގެ ތެރެއިން ފަސޭހައިން ކޮރަޕްޝަން ރިޕޯޓު ކުރެވޭނެ ގޮތެއް ހޯދައިދީ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެންމެހާ ދޮރުތައް ބަންދުކުރުން ހިމެނެ އެވެ. 

އަދި އެކިއެކި ފަރާތްތަކުން ދައުލަތާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ނުހައްގުން ނިގުޅައިގަނެފައިވާ އެއްބަސްވުންތައް އިޔާދަކުރުމާއި ގާނޫނާއި ހިލާފަށްކޮށްފައިވާ މުއާމަލާތްތައް ރޫޅާލުމާއި އިންސާފުގެ ބޭރުން ދައުލަތާއި ރައްޔިތުންނަށް ދީފައިވާ އެކިބާވަތުގެ ގެއްލުންތައް ދެނެގަނެ، އެ ފަރާތްތަކަށް ބަދަލު ހޯދައިދެވޭނެ އުސޫލެއް ކަނޑައަޅައި، އެކަންކަމަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވައުދުވެފައި ވެއެވެ. މިކަންކަމުގެ ތެރެއިން ކޮރަޕްޝަން ރިޕޯޓު ކުރެވޭނެ ޕްލެޓްފޯމެއް ވަނީ އުފައްދާފަ އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން އާއްމު ކުރުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފަށާފައި ވަނީ މި ސަރުކާރުންނެވެ. 

އޭގެ އިތުރުން އިންތިގާލީ އިންސާފު ހޯދައިދިނުމާއި ބަދަލު ހޯދައިދިނުމުގެ އުސޫލެއް މި ހިނގާ 2020 ވަނަ އަހަރު ތެރޭ ތަންފީޒު ކުރެވޭނެ ކަމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވެއެވެ. އިންތިގާލީ އިންސާފުގެ ބިލެއް މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިރު، މިހާތަނަށް ވެސް ވަނީ އެތައް ބަޔަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދީފަ އެވެ. އެކަމަކު މި މަސައްކަތުގެ ތެރެއިން ޓްރާންސްޕޭރެންސީ ކުޑަ ކަމަށާއި ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބި ދިނުމަށް މަގުފަހިވާ ކަމަށް ތުހުމަތު ކުރެވެން ފެށި އެވެ. އެހެންކަމުން އިންތިގާލީ އިންސާފުގެ ބިލުގެ މަސައްކަތް އަވަސް ވެގެން ދިޔުމަކީ މިކަމަށް އޮތް ހައްލަކަށް ވާނެ އެވެ. މިކަމުގެ އިތުރުން މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާ ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެކްޝަން ޕްލޭނުގައި ހިމަނާފައި ވެއެވެ. އެގޮތުން މިހާތަނަށް އޭސީސީ އަދި އެންއައިސީ ފަދަ މުއައްސަސާތަކަށް ވަނީ ބަދަލު ގެނެވިފަ އެވެ. އޭގެ އިތުރުން މަރުތަކާއި ކޮރަޕްޝަން އަދި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހާއްސަ ކޮމިޝަން އުފައްދާފައި ވަނީ މިއީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް ވެފައި ވަކިވަކި ފަރުދުންނަށް އެންމެ އަސަރު ކުރާ ކަންކަމަށް ވާތީ އެވެ. 

ކޮންމެއަކަސް ރައްޔިތުންނަށްޓަކައި "ހެޔޮ ވެރިކަމެއް" ކޮށްދޭން އައި މި ސަރުކާރުން ފާއިތުވި ދެ އަހަރު ކުރި މަސައްކަތަށް ބަލާއިރު ރަނގަޅު މަސައްކަތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކު ހާސިލް ނުވެ އެތައް ކަމެއް އެބަ ވެއެވެ. ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތައް އަދިވެސް އޮތީ އެވެ. ބޯހިޔާވަހިކަން އޮތީ އެވެ. ޖަލުގައި ތިބި މީހުން މިނިވަންކޮށް، އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފެށި ނަމަވެސް ބާކީ ބައި އަދި ކުރިއަށް އޮތީ އެވެ. އެހެންކަމުން ކުރިއަށް އޮތް ތިން އަހަރަކީ މިސަރުކާރަށް އެންމެ މުހިއްމު ތިން އަހަރެވެ. ވެފައިވާ މުހިއްމު ވައުދުތައް ފުއްދެން ލިބޭ ހަމައެކަނި ފުރުސަތެވެ. ފާއިތުވި ދެ އަހަރުގެ މަސައްކަތަށް "ސީ" ގްރޭޑެވެ. އެންމެ މޮޅުވަނަ ހޯދަން ބޭނުން ނަމަ، ކޮރަޕްޝަނުގެ މައްސަލަތަކާއި އިންސާފު ނުލިބިތަކަށް އާއިލާތަކަށް އިންސާފު ލިބިދޭން ޖެހޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް