ads
ކަޅުވަކަރު މިސްކިތް--
ކަޅުވަކަރު މިސްކިތް މާދަމާ ހުޅުވަނީ
ކަޅުވަކަރު މިސްކިތް މާދަމާ ހުޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
Advertisement

ކަޅުވަކަރު މިސްކިތާއި، ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދު މާދަމާ ހެނދުނު 10:00 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައިވާއިރު އެތަން ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ އިރުޝާދާއި އެއްގޮތަށް އެ އިވެންޓް ކުރިއަށް ގެންދިއުމަށް އެކި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. 

އެގޮތުން އިވެންޓްގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށްޓަކާ އަޅާ އެއް ފިޔަވަޅެއްގެ ގޮތުން ހުރިހާ މީޑިއާތަކަކަށް އިވެންޓް ކަވަރު ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި މީޑިއާތަކަށް ވަގުތުން އިވެންޓްގެ ވީޑިއޯ އާއި ފޮޓޯ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ. 

ކަޅުވަކަރު މިސްކިތް ހުޅުވުމާއި ގުޅިގެން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު އާންމުންނަށް ހުޅުވާލާނެ ގަޑިތަކާއި، އެކަމާއި ގުޅޭ އެހެނިހެން މައުލޫމާތު މާދަމާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު މެދުވެރިކޮށް އާންމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

ޗާންދަނީ މަގު ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ސަރަހައްދުގައި ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިންމާލާފައިވާއިރު އެތަން ހުޅުވުން ލަސްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. 

ކަޅުވަކަރު މިސްކިތަކީ ލަކުޑީގެ ރީތި މަސައްކަތްތަކާއި، ގަލުވަޑާމުގެ ކަވި މަސައްކަތްތަކާ އެކު ދިވެހިންގެ އަތްތެރިމަސައްކަތް ވަރަށް ރީތިކޮށް ދައްކުވައިދެ މިސްކިތެކެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ގެ ރަސްކަމުގައެވެ. ޣިޔާސުއްދީން ރަދުންގެ ގަނޑުވަރު ކުރިން ހުރި ބިމުގައި އެ ގަނޑުވަރު ރޫޅާލުމަށްފަހު ކަޅުވަކަރު މިސްކިތް ބިނާކުރަން ފެށީ ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

މި މިސްކިތް ބިނާކޮށް ނިމި ބޭނުންކުރަން ފަށާފައިވަނީ ޝަމްސުއްދީން ރަދުންގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގެ ތެރޭގަ އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރަން ފެށި ތާރީޚުން ފެށިގެން މިސްކިތުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށި ތާރީޚަށް ތިން ރަސްކަލެއްގެ ރަސްކަން ހިނގާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސަލްޓަން ޕާކް ތަރައްގީކުރުމަށް އެތަނުގައި އޭރު ހުރި ކަޅުވަކަރު މިސްކިިތް ނަގާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މިސްކިތް ހުރި ތަނުގައި ވަނީ ވިންޓާ ޕާކެއް ހަދާފަ އެވެ. ކަޅުވަކަރު މިސްކިތަކީ ރާއްޖެގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ތަނަކަށްވުމުން 200 އަހަރުވީ އެ މިސްކިތް އަލުން ރޭވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް