ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ އަޑީގައި އޮތް އެއް ދާއިރާއަކީ ރާއްޖޭގެ ހާރިޖިއްޔަތެވެ. ރާއްޖޭގެ އަގު ވެއްޓިފައި އޮތް މިންވަރަކީ، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްވަރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދެނީ އެވެ.
ރައީސް ސޯލިހުގެ ކުރިން
ރައީސް ޔާމިންއާ ގައުމުތަކާ މައްސަލަޖެހެން ފެށި ހިސާބަކީ އިދިކޮޅު ލީޑަރުން ޖަލަށްލާން ފެށުމެވެ. އަދި އިންތިހާއަށް ފާޅުވަމުންދިޔަ ޑިކްޓޭޓާޝިޕުގެ ސަބަބުންނެވެ. އެ ހިސާބުން ޔާމިން ގުޅުން ބަދަހި ކުރީ ދުނިޔޭގެ ސިޔާސީ މަސްރަހުން ގިނަ ބަޔަކު ނުބައި ރޯލު ކުޅޭ ކަމަށް ބުނާ ޗައިނާއާ އެވެ. މި ގުޅުން ބަދަހި ކުރެވުނީ އެކުވެރި އިންޑިއާ ގަޔާ ދުރުކޮށްލައިގެނެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވަމުން ގޮސް އެންމެފަހުން ކޮމަންވެލްތުން ވަކި ކުރާނެ ކަމުގެ އިންޒާރާއެކު ރާއްޖެއިން އަމިއްލައަށް އެ ޖަމިއްޔާއާ ވެސް ވަކިވީ އެވެ. އދ. ގައި ތަގުރީރު ނުކުރައްވާ ރާއްޖޭގެ ހަމައެކަނި ރައީސަކީ ވެސް ޔާމިނެވެ. މިއިން ވެސް އެމަނިކުފާނު ފޮރިން ޕޮލިސީގައި ގެންގުޅުއްވި ވިސްނުން ހާމަވެ އެވެ.
މި ސަރުކާރުގެ ހާރިޖީ ވައުދުތައް
- ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީ ގޮތުން އަދި ބައިނަލްއަޤްވާމީ ގޮތުން ޙަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމް ކުރެވޭނެ
- ރާއްޖޭގެ ގަދަރާއި އިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ހެދޭނެ
- ބައިނަލް އަގުވާމީ ދުނިޔެއާއި ގުޅުން ބަދަހިކޮށް، ރާއްޖެއާއި އެހެން ޤައުމުތަކުގެ މެދުގައި އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރެވޭނެ
- ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއިއެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ އިޙްތިރާމްކުރާ ޤައުމެއް ކަމަށް އަލުން އަނބުރާ ހެދޭނެ
- ދިވެހިރާއްޖެއިން އަލުން އަބުރާ 'ކޮމަންވެލް އޮފް ނޭޝަންސް' ގައި ބައިވެރިކުރެވޭނެ
- ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށް ދެވި، ރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން އިތުރުކުރެވޭނެ
- އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓާ ގުޅުންތައް ވަރުގަދަ ކުރެވޭނެ
- އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެކު ރާއްޖެއާއި އިސްލާމީ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ
ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ފުރުނުއިރު
ނޮވެމްބަރު، 17، 2018 ގައި ރައީސް ސޯލިހު ހުވާ ކުރެއްވެވި ރަސްމިއްޔާތަކީ ވެސް ސިޔާސީ ގުޅުންތަކެއް ގާއިމްވެގެންދިޔަ ދުވަހެކެވެ. ސިޔާސީ ގޮތުން ހާރިޖިއްޔާގެ މިސްރާބު ހުރި ގޮތް އެނގިގެންދިޔަ ދުވަހެކެވެ. ރައީސް ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި މެހްމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ އެވެ.
އެ ދުވަހަށްފަހު ރާއްޖެއިން ދަނީ ބާރު މިނުގައި އިންޑިއާއާއެކު ގުޅުން ގާއިމް ކުރަމުންނެވެ. ކިލަނބުވެފައި އޮތް ގުޅުން ވަރުގަދަ ކުރަމުންނެވެ. ރަސްމީ ދަތުރެއްގައި މޯދީ ރާއްޖެ ވަޑައިގެންނެވީ ކުރީ ސަރުކާރުގައި ރާއްޖެ ވަޑައިގެންނެވުމަށް ދެކޮޅު ހެއްދެވުމަށް ފަހު ކަމަށް ދެންނެވުމުން ދޮގަކަށް ނުވާނެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރެއްވުމަށް ރައީސް ސޯލިހު އަވަސްވެވަޑައިގަތް އެއް މަސައްކަތަކީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެ މަސް ދުވަހުގެ ތެރޭގައި، ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅެން ބޭނުންވާ ކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް ރައީސް ސޯލިހު ލިޔުއްވި އެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން މިއަހަރުގެ ފެބްރުއަރީ މަހު ކޮމަންވެލްތުން ވަނީ ރަސްމީކޮށް އެ ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ ހަދައިފަ އެވެ. މެންބަރުކަން ލިބުމުގެ އެންމެ ސަބަބަކީ ރާއްޖޭގެ އިސްލާހީ އެޖެންޑާ އެ ޖަމިއްޔާގެ ވިސްނުމާ އެއްފައްތަރުވުމެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއިން ދަނީ ގައުމާ ގުޅޭ ފެންވަރުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންނެވެ. އދ. ޖެނެރަލް އެސަމްބްލީގެ ރައީސްކަން ހޯދުމަށް ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި ބައްދަލު ކުރައްވައިފަ އެވެ. މީގެ އެންމެ ބޮޑު އެއް މަގްސަދަކީ އެ ގައުމުތަކާ ރާއްޖެއާ ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ޝާހިދު ބައްދަލު ކުރައްވާފައި ވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާ އެވެ.
އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ޝާހިދުގެ އިސްނެންގެވުމަށް އޭނާ ވަނީ އުރުދުން، ކުވައިތު، ފަލަސްތީނާއި ޔަމަނާއި އޮމާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަނާ ބައްދަލު ކުރައްވައިފަ އެވެ.
ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ވެސް އެ ގޮތުގައި ރާއްޖެއިން ކުރިއަށް އެބަ ގެންދެ އެވެ. މިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 770 މިލިއަން ރުފިޔާ ގެދޮރު އެޅުމުގެ އެހީއެއްގެ ގޮތުން ދީފަ އެވެ. މިއީ ގުޅުން ބަދަހި ކަމުގެ ހެއްކެކެވެ.
އަރަބި، އިސްލާމީ ގައުމުތަކުގެ އިތުރުން ހުޅަނގުގެ ގައުމުތަކާ އޮތް ގުޅުން ވެސް ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. އިނގިރޭސި އެމްބަސީ ރާއްޖޭގައި މިހާރު ހުޅުވާފައި ހުރިއިރު، އެމެރިކާގެ އެމްބަސީއަށް ވަރަށް އަވަހަށް ހުޅުވާނެ ކަން އިއުލާން ކުރީ އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
ކޮންމެއަކަސް މި ސަރުކާރަށް ދެ އަހަރު ފުރިފައި ވާއިރު، އެންމެ ކާމިޔާބު ދާއިރާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ފޮރިން އެފެއާޒްގެ ދާއިރާ އެވެ. އެއީ މިއަދު ލިބިފައި ހުރި ކުރިއެރުންތަކަށް ބަލާއިރު ދެބަސްވެވެން ނެތް ކަމެކެވެ. މީޑިއާގެ ސުރުހީތަކަށް ބަލައިލި ނަމަވެސް އެންމެ އެކްޓިވް ވުޒާރާއަކަށް ވާނީ ހަމަ ގައިމުވެސް ފޮރިން މިނިސްޓްރީ އެވެ.
ފޮރިން މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ ޝާހިދު ކެނޑިނޭޅި ކުރައްވަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކޮވިޑުގެ ދަތި ހާލަތުގައި ވެސް ރާއްޖެއަށް ވަނީ ބޭރުގެ ގިނަ އެހީ ލިބިފަ އެވެ. އޭގެ އިތުރުން ދަރަނި ދެއްކުން ފަސް ކުރުމުގެ މަސައްކަތުގައި ވެސް މި ވަގުތު އެންމެ އިސް ދައުރެއް އަދާ ކުރައްވަނީ ޝާހިދު އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެންމެ ހިންގުންތެރި މިނިސްޓަރަކީ އެއީ އެވެ. އަދި ޝާހިދާއި ޝާހިދުގެ ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް މިވަނީ ރާއްޖެއަށް ހައްގު މަގާމު ބައިނަލްއަގްވާމީ މުޖުތަމައިން އަލުން ލިބިފަ އެވެ. އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރުން ހާރިޖީ ދާއިރާގެ ވައުދުތައް ފުއްދުމުގައި ކުރައްވާފައިވާ މަސައްކަތަށް ހައްގު ވަނީ "އޭ ސްޓާ" ރިޕޯޓެކެވެ.