ads
ކަޅުވަކަރު މިސްކިތް--
ޔާމީންގެ ވެރިކަމުގައި ބަންދުކުރި ކަޅުކަވަރު މިސްކިތް ހުޅުވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސަލްޓަން ޕާކް ތަރައްގީކުރުމަށް ނެގި ކަޅުވަކަރު މިސްކިތް، އެހެން ސަރަހައްދެއްގައި ބަހައްޓާއި، އެތަން ހުޅުވައިފި އެވެ.

ކަޅުވަކަރު މިސްކިތް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. 

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކަޅުވަކަރު މިސްކިތަށް ބަލާއިރު އެތަނަކީ ދިވެހިތާރީހުގައި އެންމެ ގިނަ ތަންތަނަށް ދުވި މިސްކިތެވެ. ތާރީހް އިސްލާމް ދީބާ މަހަލްގައި ވަނީ 1773 ގައި ޣިޔާޘުއްދީނުގެ ވެރިކަން ވައްޓާލުމަށް ފަހު ފާށަނާކިލެގެފާނު ރަދުން ވަނީ ރަސްކަން މިލްކުކޮށް ދީފިނަމަ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރުގެ ގަނޑުވަރު ތަޅާލައި އެތާނގައި މިސްކިތެއް ބިނާ ކުރުމަށް ނަދުރު ބުނެފަ އެވެ.

އެ ނަދުރުގެ މައްޗަށް ތަޅައިލެވުނު ގަނޑުވަރު ހުރި ތާނގައި މިސްކިތެއް ބިނާ ކުރައްވައި އެ މިސްކިތަށް ކަޅުވަކަރު މިސްކިތޭ ކިޔައި ނަން ދިންއިރު އެކަން ހިނގީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނުގެ ދަރިކަލުން އައްސުލްޠާނު ޙަސަން ނޫރައްދީނުގެ ރަސްކަމުގަ އެވެ. 

މާލޭގެ މިސްކިތްތައް ފޮތުގައިވާ ގޮތުން އެކި ޒަމާނުގައި އެކިތަންތާގައި މި މިސްކިތް ހުރިކަމުގައި ތުންތުން މަތިން ދެކެވޭ ވާހަކައެއްގައި، އެއް ދުވަސް ވަރެއްގައި މި މިސްކިތް މިހާރުގެ ޗާނދަނީމަގުގެ ކޮންމެވެސް ހިސާބެއްގައި އެ މަގުގެ އިރުމަތީފަޅީގައި ހުރިކަމަށާއި މިހާރުގެ މަޖީދީމަގުގެ ދެކުނު ފަޅީގެ މައްޗަންގޮޅީގެ ކޮންމެވެސް ހިސާބެއްގައި ހުރިކަމުގައި ވާހަކަ ދެކެވޭ ކަމަށެވެ.

އޭގެ ފަހުން، އެއްވަނަ ޙަސަން ނޫރައްދީން، މި މިސްކިތް ނަންގަވައިގެން ގެންގޮސް މަޖީދީމަގާއި ހެންވޭރު ކަރަންކާމަގާ އިންވީ ހުޅަނގު އުތުރު ކަންމަތީ ބަހައްޓަވައި، މިސްކިތް ޢިމާރާތްކުރައްވާ ނިންމެވީ ކަމަށް ވެ އެވެ.

ދެން އެއަށްފަހު، އެކެއް އޮކްޓޯބަރު 1978 ގައި ނީލަންކިޔައިގެން މިސްކިތް ނެންގެވީ ފުރަނަ ޓުއަރިސްޓް ރިސޯޓުން 9,715.26 ރުފިޔާ އަށް ކަމަށް ވެސް ވެ އެވެ. ނީލަންކިއުމާ ގުޅިގެން މިސްކިތް ރޫޅައިގެން މާލެއަތޮޅު ފުރަނަފުއްޓަށް ގެންދެވިފައި ހުއްޓައި، 1979 ގައި އަނބުރާ މާލެ ގެނެވުނެވެ. އޭގެ ފަހުން، މައުމޫނު ޢަބްދުލްގައްޔޫމުގެ ވެރިކަމުގައި، 1980 ގައި، ސަލްޓަންޕާކުގެ އިރު ދެކުނު ކަނުގައި އެ މިސްކިތް ބެހެއްޓުނެވެ.

އެއަށް ފަހު، 2016 ގައި، އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އެ ތަނުން މިސްކިތް ނަގައި، ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައިވަނިކޮށް، ވެރިކަން ބަދަލުވެ، 2018 ގައި އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މިސްކިތް، ކުރީގައި ޓަކިބޭ މިސްކިތް ހުރިތަނުގައި މިވަނީ ގާއިމުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް