ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމެވެ.
އަދި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިންގެ މެދުގައި މިއޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.
މި ބަޔާނުގައި ރާއްޖެ އިސްލާމީގޮތުގެ ތާރީހައްވެސް ވަނީ ބަލާލާފައެވެ. އެގޮތުން ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީހީ ލިޔުމުން އެގޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަގުރިބް ކަރައިގެ އިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ގާއިމު ވެފައިވާ ސުލްހަ މަސްލަހަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުއާ ކުރަމުންނެވެ.