ads
ޑރ. ޖަމީލް--
ދަރުމަވަންތަ ވިއްކާލަނީ ގައުމު ބަނގުރޫޓުވެގެން: ޑރ. ޖަމީލް
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން އުޅޭކަމުގެ އަޑުއަރާފަވަނިކޮށް އެތަން ވިއްކާލަން އުޅެނީ ދައުލަތް ބަނގުރޫޓުވެގެން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުމުދާ ވިއްކަން ޖެހުނީ މޮޅު ނޫ އިގްތިސޯދީ ސިޔާސަތާ ގުޅިގެން ކަމަށެވެ. އެގޮތުން ރައްޖޭގެ ރޭޓިން ދަށްވެ، ސޮވެރިން ގެރެންޓީ ވެސް ގަބޫލުނުކުރާ ހިސާބަށް ދިޔައީތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ. 

އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޓެގްކުރައްވާ، ޖަމީލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ވިއްކާލަނީ ހަމަ ހަގީގަތުގައި ވެސް ބަނގުރޫޓުވުމުން ކަމަށާއި އަދި އެކަމަކީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

ސުކޫކު ވިއްކަން ދަރުމަވަންތަ ރަހުނުކުރަން އުޅޭ ވާހަކަ ރޭ ފިނޭންސް މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. މިނިސްޓްރީން ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށެވެ. 

އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެ ކަމަށާއި އެހެންކަމުން އެ ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. 

އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މިމިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް