ads
ވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް-- ފޮޓޯ: ދަ ޕްރެސް
ގާޒީ އަބްދުލްބާރީ ވަކިކުރަން މަޖިލީހަށް ފޮނުވައިފި
ސަސްޕެންޝަނުގައި ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ އަބްދުލްބާރީ އާއި ބެހޭގޮތުން ޖިނާއީ ތަހްގީގް ކުރަމުންދާކަމަށް ފުލުހުން ޖޭއެސްސީއަށް އަންގާފައިވާތީ، އޭނާ ސަސްޕެންްޑްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. 

ސަސްޕެންޝަނުގައި ހުންނަވާތާ ގާތްގަނޑަކަށް އަހަރެއް ފަހުން ގާޒީ އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ގައެވެ.

ޖޭއެސްސީން ބުނީ އެގޮތުން އަބްދުލްބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާއިމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު އެކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ. 

އެކަން ހާމަކޮށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ގާޒީ އަބްދުލްބާރީ އާއި ގުޅޭގޮތުން އެކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ގާޒީ އަބްދުލްބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ އަބްދުލްބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހްގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.

އެމައްސަލަތަކުގެ ތަހްގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު އާއި ގާޒީ އަބްދުލްބާރީ އާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަހްމަދު އަދީބު އާއިއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ އަބްދުލްބާރީ ބައިވެރިވިކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ. 

އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބު ރައީސް އަހްމަދު އަދީބަށް ފޮނުވުމަށް ގާޒީ އަބްދުލްބާރީ ޔޫސުފު އެހުކުމް ދިންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ގާޒީ އަބްދުލްބާރީގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ގާޒީ އަބްދުލްބާރީ އަށް ދީފައިވާކަމަށް ވެސް ބުނެފައިވެއެވެ.

"ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުލްބާރީ ޔޫސުފްއާ ބެހޭގޮތުން ޖިނާއީ ތަހްގީގް ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާތީ، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު އަލްއުސްތާޒު އަބްދުލްބާރީ ޔޫސުފް ހުރީ ސަސްޕެންޑްކުރެވިފައެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފަނޑިޔާރުން ހިމެނޭކަމަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަ ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައިވަނީ މިއަހަރުގެ މާޗް 22 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް