ads
އެހެން މިނިސްޓްރީތަކުގެ ބާރުތައް ފައްޔާޒް ނަންގަވާކަމަށް ތުހުމަތުކޮށްފި
އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓް 300 ގުނަ އިތުރު: އަލީ އާޒިމް
މިއީ ރިއަލިސްޓިކް ބަޖެޓެއް ނޫން: އަލީ އާޒިމް
ކުރިއަށް އޮތް 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓް ބޮޑުވެފައިވާތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

2021 ވަނަ އަހަރުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ބަޖެޓްގެ ވާހަކަ ދައްކާއިރު ގައުމުއޮތް ހާލަތާއި މެދު ވިސްނަން ޖެހޭކަމަށާއި، ނުދެއްކޭވަރަށް ދަރަނިވެސް ބޮޑުވެފައިވާކަމަށެވެ. އަދި މިހާތަނަށް ގައުމު ވައްޓާލީ ކުރީ ސަރުކާރުން ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

އަލީ އާޒިމް ވިދާޅުވީ މިބަޖެޓަކީ "ރިއަލިސްޓިކް" ބަޖެޓެއްކަމަށް އެއްވެސް މީހަކު ނުބުނާނެ ކަމަށާއި، ބަޖެޓުގެ 50 އިންސައްތަ އޮތީ  ދަރަނީގައި ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ މަޖިލިސް އޮތީ ސަރުކާރާއި ގުޅިގެން އެއްކޮށް މަސައްކަތްކުރުމަށް ކަމަށާއި، އެހެން ކަމުން ގުޅިގެން މި ބަޖެޓަކީ ރިއަލިސްޓިކް ބަޖެޓަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. 

"ނުވާން އޮތްކަމެއް ވެވެން ނެތްކަމެއްގެ ވާހަކަ ދައްކައިގެން ލިސްޓް ބޮޑު ކޮށްގެން އުންމީދުތައް މީހުނަށް ދެމުން ނުހިނގާށޭ. އަޅުގަނޑުމެން ތެދަށް ވާހަަކަ ދައްކަން ޖެހޭނީ." އަލީ އާޒިމް ވިދާޅުވި އެވެ. 

މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ބަޖެޓަށް ވާހަަކަ ދައްކަވަމުން ނުސީދާ ގޮތެއްގައި މިނިސްޓަރު ފައްޔާޒަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުން އެކި ކުންފުނިތައް ހަދާފައިވާކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އޭގެން އެއްވެސް ކުންފުންޏަކުން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. 

އެކުންފުނިތަކަށް އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން ލައިގެން ބޮޑެތި މުސާރަތައް ދެމުން ދާކަމަށްވެސް އަލީ އާޒިމް ވިދާޅުވި އެވެ. އަދި ފެނުނީ އެހެން މިނިސްޓްރީތަކުގެ ބާރު ތަކާއި އެހެން އެސްއޯއީ ތަކުގެ ބާރުތައް "އަމިއްލަ މިނިސްޓްރީ ތެރެއަށް ބޮޑު މިނިސްޓަރު ހެދިގެން ވައްދައިގެން އިނުން" ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

"ތިމަންނަ އަކީ އެންމެ ބޮޑު މިނިސްޓަރޭ، އެހެންމަ ތިމަންނައަށް ނޭންގި އެއްވެސް ކަމެއް ނުކުރެވޭނޭ އެހެންމީހަކަށް، އެގޮތަށް އެއްޗެހި ބައްކުރުން އެ ވިސްނުމުގައި އެފިކުރުގައި މަސައްކަތްކުރަމުންދާ ދިއުން މިއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން." އަލީ އާޒިމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ އެ މިނިސްޓްރީގެ ބަޖެޓަށް ބަލާލުމުން "އަޖައިބުވެ އަންތަރީސް"ވި ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓަކީ 58 މިލިއަން ކަމަށާއި، 2020 ވަނަ އަހަރު އެމިނިސްޓްރީގެ ބަޖެޓަކީ 105 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި އިކޮނޮމިކް މިނިސްޓްރީއަށް 304 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

"އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓް 300 ގުނަ އިތުރުވެފަ." އަލީ އާޒިމް ވިދާޅުވި އެވެ.

ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ "ގާތް ރައްޓެހިން" ހިތްހަމަ ޖައްސައި ދިނުމަށްޓަކައި، "ގަބޫލުކުރަން ދަތި ވަރަށް ލިސްޓް ދިގުވެފައި އެބަ އޮތް" ކަމަށެވެ.  

އަލީ އާޒިމް ވިދާޅުވީ ބަޖެޓްގައިވާ ބައެއްކަންކަން މަޑުޖައްސާލުމަށްފަހު ފައިސާ ރަނގަޅަށް ލިބޭނެފަދަ މަޝްރޫއުތަކަށް އިސްކަންދޭންޖެހޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް