އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

Advertisement
އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ނައިބް ރައީސް ހއ. މޮޅަދޫ އަދި އެއަތޮޅު ދިއްދޫގެ އާއި ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު މޮޅަދޫއަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެރަށުގެ ކުޑަކުދިންގެ ޕާކެއްގެ ބިންގާ އަޅުއްވައި ދެއްވައި އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން މިއަދު މެންދުރު އެ އަތޮޅު ދިއްދޫއަށް ވަޑައިގެން ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެރަށުގައި މިރޭ އޮންނަ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ އެވެ.
ނައިބް ރައީސް ކުޅުދުފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އަދި މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ނައިބް ރައީސްގެ މިދަތުރުފުޅުގައި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުންގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.