ހޯމް މިނިސްޓްރީން ބުނީ އެކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އެ ކައުންސިލުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާ ފަރާތްތަކުން ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެެވެ.
އެ މިނިސްޓްރީން ބުނީ އެ ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް އެ މިނިސްޓްރީ (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އިން އެތަކެތި ބަލައިގަންނަމުން ދާނެ ކަމަށެވެ. މީޑިއާ ކައުންސިލަށް އަލުން މެމްބަރުން އިންތިހާބު ކުރަނީ އެ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވިފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު ހަމަވާތީއެވެ.
އެ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރާ އެއް މީހަކަށެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބަށް 28 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން އިންތިހާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު، މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
މީޑިއާ ކައުންސިލުގެ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށަހަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށް، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.