މިދިޔަ އަހަރު އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ އެއްވަނައިގައި ހިމެނިފައިވާ ހޮން ކޮންގް އާއި އެއްވަރެއްގައި އޮތް ޖަޕާންގެ އޮސާކާ އާއި ސިންގަޕޫރުގެ ދަރަޖަ ވެއްޓިފައިވާ އިރު، ސިންގަޕޫރުގެ އަގު ތިރިވުމަށް މެދުވެރިވެފައި ވަނީ އެ ކޮވިޑް-19 އާއި ގުޅިގެން އެ ގައުމުގައި ބިދޭސީ މަސައްކަތު މީހުން ގިނަވުމުގެ ސަބަބުން ކަމަށް އީއައިޔޫ އިން ބުނެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ 26 ވަނައިގައި އޮތް ތައިލޭންޑްގެ ވެރިރަށް ބެންކޮކް 46 ވަނަ އަށް ވެއްޓިފައިވާ އިރު، އެމެރިކާ އިން ޗައިނާ އާއި ދެކޮޅަށް އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ބައެއް ސިޓީތައް ވަނީ ލިސްޓްގެ ކުރިއަށް ޖެހިލާފަ އެވެ.
މިދިޔަ އަހަރުން ފެށިގެން އެމެރިކާ ބައްރުގެ ސިޓީތަކާއި، އެފްރިކާ ބައްރުގެ ސިޓީތަކާއި، އިރުމަތީ ޔޫރަޕުގެ ސިޓީތަކުގެ އަގު ދަށްވެފައިވާ އިރު، ހުޅަނގު ޔޫރަޕްގެ ބައެއް ސިޓީތަކުގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓްގެ އެންމެ ކުރީގައި ހުޅަނގު ޔޫރަޕުގެ ހަތަރު ސިޓީއެއް ހިމެނިފައިވާ އިރު، އެ ލިސްޓުގެ އެއްވަނައަށް އަރާފައި ވަނީ ޕެރިސް އާއި ޒިއުރިކް އެވެ.
އެމެރިކާ އިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ވެރިރަށް ތެހެރާން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ 27 ދަރަޖަ މައްޗަށް ޖެހިލާފަ އެވެ.