ads
ފައްޔާޒް ވަކިކުރަން މަޖިލީހަށް ލާކަށް ނޫޅެން: ރައީސް ނަޝީދު
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދަން ނޫޅުއްވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، "ފައްޔާޒް ވަކިކުރުމަށް މަޖިލީހަށް ކަމެއް ލާކަށެއް" ނޫޅުއްވާކަމަށެވެ. 

އެމްޑީޕީގެ އެތެރޭގައި ބަހުސްތައް ހިންގަންޖެހޭކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ ބަހުސްތަކަކީ އެމްޑީޕީގެ ތެރޭގައި ކުރިއަށްދާނޭ ބަހުސްތައްމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރަކާއި މެދު އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ އަދި ސަރުކާރަށް އެންމެ ފައިދާބޮޑު ގޮތާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދައްވަންޖެހޭ ހާލަތުގައި އެކަން ކުރުމަކީ މައްސޫލިޔަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެެ.  

"އަޅުގަނޑުގެ މައްސޫލިޔަތެއްގެ ގޮތުގައި ދެކި އަޅުގަނޑު މިހިރީ އެއްވެސް ކަމެއް ގޯސްކޮށް އެއްވެސް ތާކު ހިނގަންޏާ އެވާހަކައެއް އަޅުގަނޑު ބުނާނަމޭ. ވަރަށް ސާފުކޮށް އަޅުގަނޑު އެވާހަކައެއް ބުނާނަމޭ، އެކަމާ ބެހޭގޮތުން ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައިނުގަތަސް ވެސް އަޅުގަނޑު އެކަމަކާ ކުރާނެ ކަމެއް ނެތް."

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ސޮއި ހަމަކުރުމަށް މަސައްކަތްތައް ފެށިކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރުނެވެ. އަދި މިނިސްޓަރު ފައްޔާޒް މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ދެންނެވުމަށް ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަނަށް ފޮނުވި ސިޓީއެއްގައި އެދިވަޑައިގެންފައިވެ އެވެ. 

ފައްޔާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު އެމްޑީޕީގެ ބައެއް މެމްބަރުން ކުރާއިރު ފައްޔާޒް ވަނީ އެކަންކަން ދޮގުކުރައްވާފަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވާނީ ރައީސް އެގޮތަށް އެދުމުން ކަމަށް ވެސް މީގެ ކުރިން ފައްޔާޒް ވިދާޅުވެފައިވެ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް