
ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލުމަށް ފަހު، މިހާތަނަށް 44 ތަނެއް ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ބޭނުންކުރަން ޓޫރިޒަމް މިނިސްޓްރީ އިން ހުއްދަ ދީފައިވާ އިރު، އެ ތަންތަނަކީ މާލޭ ސަރަހައްދުގެ ގެސްޓްހައުސް ތަކާއި ހޮޓެލްތަކެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ މިނިސްޓްރީ އިން ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ހުޅުވަން ހުއްދަ ދީފައި ވަނީ ހުޅުލެ އައިލެންޑް ހޮޓެލް އަށާއި، މާލޭގެ 17، އަދި ހުޅުމާލޭގެ 22 ހޮޓެލްތަކަށާއި ގެސްޓްހައުސް ތަކަށެވެ.
ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން މި ވަގުތު ދީފައިވަނީ އެ މިނިސްޓްރީ އާއި އެޗްޕީއޭގެ އުސޫލުތަކަށް ފެތޭ ތަންތަނުގެ ތެރެއިން މާލޭ ސަރަހައްދުގައި ހިންގާ ތަންތަނަށެވެ.
މީގެ ދުވަސްތަކެއް ކުރިން ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ އިން ޓޫރިސްޓް ފެސިލިޓީތައް ހިންގާނެ ގޮތުގެ އެސްއޯޕީ އެއް އާންމުކޮށްފައިވާ އިރު، އެ ތަންތަން ހުޅުވުމުގެ ކުރިންނާއި ފަހުންވެސް އެ އެސްއޯޕީ އަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓްތައް ހިންގުމަށް ހުއްދަ ދީފައިވާ އިރު، މިދިޔަ މަހު 15 އިން ފެށިގެން ގެސްޓްހައުސް ހިންގުމުގެ ހުއްދަތައްވެސް ދީފައިވަނީ ވަކި އުސޫލުތަކަކާއި އެއްކޮށެވެ.