ads
ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---
ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
ހއ. ހޯރަފުށި ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ އިރު، މި އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ހެދުން ފަދަ މަސައްކަތްތައް ކޮށްފައިވާ އިރު، އެއާޕޯޓުގެ މަސައްކަތް ނިމި މިއަދު އެއާޕޯޓް ވަނީ ހުޅުވައިފަ އެވެ.

މިއަދު ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އާއި، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، އަދި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

މިދިޔަ އަހަރުގެ މާޗް މަހު 25 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރެވުނު މި މަޝްރޫއަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހޯރަފުށީގައި އެއާޕޯޓެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

"މިއީ ހޯރަފުށީގެ ރައްޔިތުންނަށް، ބޮޑު ތިލަދުންމައްޗަށް ހެޔޮ ފާލެއް" - ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

މިއަދުގެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ހޯރަފުށީގެ ރައްޔިތުންނާއި ސަރުކާރުން މި ކަމުގައި ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި، އެ ރަށުގެ ރައްޔިތުންނަށާއި، ސަރުކާރަށް ޝުކުރުދަންނަވާފަ އެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ނަންފުޅު ފާހަގަކުރައްވައި އެމްޓީސީސީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. އަދި ހޯރަފުށީ ރައްޔިތުންނަކީ ކޮންމެ ކަމެއްގައިވެސް ކެރިގެން މަސައްކަތްކުރާނެ ރައްޔިތުންތަކެއް ތިބި ރަށެއްކަން ސިފަކުރައްވައި، ރައްޔިތުން ވީ ގުރުބާނީ އަށް ޝުކުރު ދަންނަވާފައެވެ.

ހޯރަފުށީގައި ހުޅުވިގެން ދިޔަ މި އެއާޕޯޓްގެ ސަބަަބުން ހޯރަފުށީގެ ރައްޔިތުންގެ އިތުރުން ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށްވެސް އޭގެން މަންފާ ކުރާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް