ކ. ފުށިދިއްގަރުފަޅުގެ މައްސަލައިގައި ޖިހާދުގެ މައްޗަށް ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އިބްތިދާއީ އަޑުއެހުމުގައި ދައުވާއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބިފައިވޭތޯ ގާޒީ ސާފު ކުރެއްވުމުން ޖިހާދުގެ ވަކީލް ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ބައެއް ލިޔުންތައް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެ ލިޔެކިޔުންތައް ފާހަގަކުރުމުން ދައުލަތުން ބުނެފައިވަނީ އެ ލިޔެކިޔުންތަކަކީ ޖިހާދަށް ދޫކުރެވޭނެ ލިޔެކިޔުންތައް ކަމަށާއި، އަންނަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓަށް އެލިޔުންތައް ހަވާލުކުރައްވާނޭ ކަމަށެވެ.
އެއަށްފަހު ގާޒީ ވަނީ މައްސަލައިގައި ޖިހާދު މައްޗަށް ކޮށްފައިވާ ދައުވާ އިއްވުމުގެ ފުރުސަތު ދައުލަތަށް ދެއްވާފަ އެވެ. ދައުލަތުން ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަން ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ޖިހާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެން ބާއްވާ އަޑުއެހުމެއްގައި ދެއްވާނޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭގެ ފަހުން މިއަދުގެ އަޑުއެހުން ވަނީ ނިންމަވާލައްވާފަ އެވެ. އެހެން ނަމަވެސް ދެން މައްސަލައިގައި އަޑުއެހުމެއް ބާއްވާނޭ ތާރީހެއް ހާމަކުރައްވާފައެއް ނުވެ އެވެ.
ޖިހާދުގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:
މި މައްސަލައަކީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަހްޤީޤު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.
މި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ، ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، މިނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށްކަމަށް ޕީޖީއިން މައުލޫމާތުދޭފައިވެ އެވެ.
އެހެންނަމަވެސް ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ 2013 ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އަދި ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604,713,750 ޑޮލަރު އުނިވެފައިވާކަމަށް ޕީޖީން ބުނެ އެވެ. އަދި އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
މިމައްސަލަ އޭސީސީއަށް ހުށަހެޅުނު ނަމަވެސް 2016 ފެބްރުއަރީ 16 ވަނަ ދުވަހު އޭސީސީން ނިންމާފައިވަނީ އެ ކަމުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތުމުގެ ފުރުސަތު އޮތުމުން އެ މައްސަލަވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ޕީޖީން ވަނީ އަންގާފަ އެވެ.