ads
ކަޅައިދޫގައި ބިނާކުރާ ޔޫތް ސެންޓަރަށް ނައިބު ރައީސް ކުރެއްވި ޒިޔާރާތުގެ ތެރެއިން---
ކަޅައިދޫ ޔޫތު ސެންޓަރު ބިނާކުރާ ސަރަހައްދު ނައިބު ރައީސް ބައްލަވާލައްވައިފި
"ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ލ. ކަޅައިދޫގައި ކަނޑައަޅާފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ބައްލަވާލައްވައި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ނައީބް ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

ނައިބު ރައީސް މިއަދު މެންދުރުފަހު ކަޅައިދުއަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ "ޔޫތު ސްކިލް ޑިވެލޮޕްމެންޓް ސެންޓަރު" ގާއިމުކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ އިތުރުން، އެ ސެންޓަރާއެކު އެ ރަށުގައި ހަމަޖައްސަންޖެހޭ އެހެން ހިދުމަތްތަކާއި އިންތިޒާމުތަކަށް އެންމެ އެކަށޭނެކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް ވެސް ޒިޔާރަތްކުރައްވައި އެ ތަންތަން ވެސް ބައްލަވާލައްވާފައެވެ.

ނައިބު ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ކަޅައިދޫގައި މަޝްވަރާކުރައްވަމުން އެ މަނިކުފާނު ވަނީ، އެ ސެންޓަރުގައި ޒުވާނުންނަށް ފޯރުކޮށްދެވޭ ތަރުބިއްޔަތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ އެ މީހަކަށް އަމިއްލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވެދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، މުޖަތަމައުގެ ހުރިހާ ފަރުދުންނަކީ، ވަކިން ހާއްސަކޮށް ޒުވާނުންނަކީ، މުޖުތަމައަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުމަކީ އެފަދަ މަޒުކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ގާތްގަޑަކަށް 500 މީހުންގެ ޖާގައިގެ އެ މަރުކަޒުގައި ތައުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާއިރު، އެ މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތައް ވެސް ކަޅައިދޫގައި ގާއިމުކުރާނެއެވެ. އަދި އެ މަރުކަޒުގައި ހިންގާ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނައިބް ރައީސް ކަޅައިދުއަށް މިއަދު ކުރެއްވި އެ ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް