ads
ހޯރަފުށި އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: އަހްމަދު އަވްޝަން/ މިހާރު
މި މަންޒަރު ބަދަލުކުރަން އެބަ ޖެހޭ!
ހއ. ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުގައި ވަނީ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގެންނެވުމުން ހާއް ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. ހޯރަފުއްޓާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު އުފާފާޅު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ހަބަރުތަކުގެ ތެރެއިން ލޮލުގައި އަޅައިގަތީ ފޮޓޯ އެކެވެ.
Advertisement

މިހާރު ނޫހުގެ ފޮޓޯގްރާފަރަކު ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ރައީސް ސޯލިހާއި ސަރުކާރުގެ އެހެން އިސްވެރިން ރަސްމިއްޔާތަށް ހާޒިރުވެ ވަޑައިގެން ގޮނޑިތަކުގައި ތިއްބެވި މަންޒަރެވެ. ގޮނޑިތަކުގެ ސަފުތައް ދަމާފައި ހުރިއިރު، އެއް ކޮޅުން ފެށިގެން ގޮސް އަނެއް ކޮޅާ ހަމައަށް އެންމެ ފުރަތަމަ ތިނެއް ނުވަތަ ހަތަރު ސަފުގައި ތިބީ ހުސް ފިރިހެނުންނެވެ. އެކަން ވަކިން ހާއްސަކޮށް ލޮލުގައި އަޅައިގަތީ އެ ހުރިހާ ފިރިހެނުންގެ މެދުގައި ހަމައެކަނި އެންމެ އަންހެން ބޭފުޅަކު އިންނެވުމުންނެވެ.

ރައީސް ސޯލިހުގެ ކަނާއަތް ފަރާތުގައި ރަތް ކުލައިގެ ދިގު ހެދުމެއް ތުރު ކުރައްވައިގެން އިންނެވި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ފިޔަވައި އިތުރު އެހެން އަންހެނެއް މުޅި އެ ސަފުގައި ވެސް ނެތެވެ. އެއީ ރަސްމިއްޔާތުގެ އެންމެ ހާއްސަ މެހެމާނުންނަށް ހާއްސަ ސަފެވެ. ދެން ފަހަތަށް އޮތް ތިން ތިން ސަފުގައި ވެސް އަންހެނެއް ފެންނާނަކަށް ނެތެވެ. އުފެދޭ ސުވާލަކީ ހޯރަފުށި އެއާޕޯޓުގެ މަސައްކަތުގައި ނަހުލާ ފިޔަވައި އެހެން އަންހެން ބޭފުޅަކު ފާހަގަކުރެއްވޭ ވަރުގެ މަސައްކަތެއް ކުރައްވާފައި ނުވަނީ ތޯ އެވެ؟ ނުވަތަ އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ނެތީ ތޯ އެވެ؟

ކޮންމެއަކަސް މި މަންޒަރު އަޅައިގަތީ ހަމައެކަނި އަޅުގަނޑުގެ ލޮލުގައެއް ނޫނެވެ. ސޯޝަލް މީޑިއާގައި ވެސް މި ފޮޓޯ ދައުރުކޮށް ބައެއް މީހުން ހިޔާލު ފާޅުކޮށްފައި ވެއެވެ. އެގޮތުން އެކަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ފޮޓޯއިން ފެންނަ ޖިންސުގެ ނަހަމަކަށް ފާހަގަވާ ކަމަށާއި މިއީ 2020 ވަނަ އަހަރަށް ވާއިރު، ރާއްޖެއިން ޖިންސުގެ ހަމަހަމަކަން ގެނައުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ސަރުކާރުގެ އުފާފާޅު ކުރުމުގެ ބޮޑު ހަފްލާއަކުން މިފަދަ މަންޒަރެއް ފެނުނުއިރު، ޖިންސުގެ ހަމަހަމަކަން ގެނައުމާއި އަންހެނުން ބާރުވެރި ކުރުވުމުގައި މި ސަރުކާރުން މަސައްކަތް ކޮށްފައި އެބަ ވެއެވެ. އެގޮތުން ސަރުކާރުގެ ކެބިނެޓުގައި މި ވަގުތު ހަ އަންހެން މިނިސްޓަރު ތިއްބަވަ އެވެ. އަފި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ޑިފެންސް މިނިސްޓަރަކަށް ގެންނެވީ ވެސް މި ސަރުކާރުންނެވެ. 

ސަރުކާރުގެ މަގާމުތަކުން އަންހެނުން ވަކި އިންސައްތައެއް ދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އެއާ އެއް ގޮތަށް އެބަ އަމަލު ކުރައްވަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އާއްމުން އިންތިހާބު ކުރަން ޖެހުނު 87 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެނުންނެވެ. އެހެންކަމުން މިއީ ޖިންސުގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރި ކުރުވުމުގައި މުޖުތަމައު ހޭލުންތެރި ކުރަން ޖެހޭ ކަމުގެ ހެއްކަކަށް ވެސް ވެދާނެ އެވެ. އެކަމަކު މަޖިލީހުގެ ނައިބު ރައީސް ކަމާއި ސެކްރެޓޭރިއަޓުގެ ގިނަ މެމްބަރުންނަކީ އަންހެނުން ކަން ފާހަގަކުރެވެ އެވެ. 

އޭގެ އިތުރުން ލޯކަލް ކައުންސިލުތަކުގެ 33 ޕަސަންޓު ގޮނޑި އަންހެނުންނަށް ކަށަވަރުކޮށްދީފައި ވަނީ ވެސް ސަރުކާރުގެ ވައުދެއްގެ ތެރެއިން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ މަސައްކަތުންނެވެ. ހަމަ މިއާއެކު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކޮށްފައި ވަނީ ރައީސް ސޯލިހް އެވެ. 

މި ނޫނަސް އެކިއެކި ދާއިރަތަކުގައި ހިންގުމުގެ އިސް ރޯލުތަކަށް އަންހެނުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން ފާހަގަކުރަމެވެ. ދެން އަނެއްކާވެސް ކުރިން ފެނުނު ފޮޓޯއަށް ބަލާލާނަމެވެ. މަސައްކަތް އެބަ ކުރެ އެވެ. އެކަމަކު އެ ފޮޓޯއިން ފެންނަ މަންޒަރުން އެނގެނީ އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމެވެ. ހަމަހަމަ ތަރައްގީ އާއި ހަމަހަމަ ފުރުސަތި ފޯރުކޮށްދޭން އަމާޒު ހިފާ ނަމަ އެ މަންޒަރު ބަދަލު ކުރަން އެބަ ޖެހެ އެވެ. 

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް