ads
ރިސޯޓަކަށް ފަތުރުވެރިން އަރާ މަންޒަރު
ޕޮޒިޓިވް ކޭސްތައް އިތުރުވަނީ، ބައެއް ރިސޯޓްތަކުން އުސޫލަށް އަމަލެއް ނުކުރޭ!
ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަން ފަށާފައިވާ އިރު، ފާހަގަކޮށްލެވެނީ މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، ހިތާމަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދާ ފަތުރުވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމެވެ.

މީގެ ހަފްތާތަކެއް ކުރިން ދ. ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކަށް ކޮވިޑް ޖެހި އޭނާ މަރުވުމާ ގުޅިގެން އެ ރިސޯޓުން ސާމްޕަލްތައް ނެގި އިރު، އެ ރިސޯޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން ސަރުކާރުން ވަނީ ކަނޑިންމަ ރިސޯޓް އަށް ދީފައިވާ ހުއްދަ ވަގުތީގޮތުން އަތުލައި، ފިޔަވަޅު އަޅައިފަ އެވެ.

your imageކަނޑިންމަ ރިސޯޓް--

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުތަކަށް ބަލައިލާ އިރު ރިސޯޓްތަކުން 200 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އޮތް އިރު، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 158 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ބާކީ ތިބި 42 މީހުންނަކީ ފަތުރުވެރިންނެވެ. އެހެންކަމުން ރިސޯޓްތަކުން ގައިޑްލައިންތަކަށް އަމަލުކުރޭތޯ އަދި ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އުސޫލުތައް ތަންފީޒުކޮށްފައިވަނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެއެވެ.

މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވަނީ ބައެއް ކަންތައްތައް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އެދެވޭ ގޮތެއްގައި ފިޔަވަޅު އަޅަމުން ނުދާކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ ރިސޯޓްތަކުން ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އެކަން ހިއްސާކުރަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މައުރޫފް ވަނީ ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން އަމަލުކުރަމުން ނުދާ ކަމަށާއި، ގިނަ ފަހަރަށް ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް ގައިޑްލައިންތައް ނޭނގޭކަން ވެސް ފާހަގަކުރައްވައިފަ އެވެ.

މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ސީއެންއެމަށް ވިދާޅުވީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައި ވަނީ ހަދަމުންދާ ރިސޯޓްތަކުގައި ކަމަށްވާ އިރު، ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންގެ އިންސައްތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން މިހާރު ހަދަމުންދާ ރަށްތަކުގެ އިންސްޕެކްޝަން އެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަދި ބައެއް ރިސޯޓްތަކުން މިނިސްޓްރީންނާއި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ރިސޯޓްތަކުގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވައިފަ އެވެ.

އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެ ހަފްތާތަކެއް ކުރިން ރިސޯޓްތަކަށާއި ހޮޓެލްތަކަށް އަމަލުކުރަންޖެހޭ ހާއްސަ އެސްއޯޕީ އެއް އެކުލަވާލައި، އެއަށް އަމަލުނުކުރާ ރިސޯޓްތަކާއި ހޮޓެލްތަކުގެ ހުއްދަ ވަގުތީގޮތުން ބާތިލް ކުރަން ނިންމައިފަ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ފުރަތަމަ ދުވަސްވަރު ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ފަތުރުވެރިން ކޮވިޑަށް ފައްސިވާ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، މި ކުޑަ ދުވަސްކޮޅުތެރޭ ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ އިރު، ރިސޯޓްތަކުންނާއި ހަދަމުންދާ ރަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް