ads
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
ބޭނުންވާ މިސްރާބަށް ދެވޭނީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރެވިގެން: މިނިސްޓަރު
ސިއްހީ ދާއިރާ ލާމަރުކަޒުކޮށްގެން ނޫން ގޮތަކަށް ރާއްޖެ ދާން ބޭނުންވާ މިސްރާބަށް ނުގެންދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެ ދާންބޭނުންވާ މިސްރާބަށް ދިއުމަށްޓަކައި ސިއްހީ ދާއިރާ ލާމަރުކަޒީ ކުރަން ޖެހޭ ކަމަށާއި އެ މަގަށް ދިއުމަށް މި ސަރުކާރުން ކަންކަން ކުރާނެކަމުގެ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބައިކަން އެނގި ތިބެ، އެކަންކަން ހައްލުކުރުމަށް ކަމަށެވެ. އަދި ޕްލޭންތަކާއި މެނިފެސްޓޯއަކާއެކު ސަރުކާރުން އައީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްްލެއް ހޯދައިދިނުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގޮތުގެ މަތިން ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާއި ހޮސްޕިޓަލުތަކުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭއިރު އެކަމަށް އޮތީ ތައްޔާރަށް ކަމަށެވެ. 

އޭގެ އިތުރުން، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާގޮތުން ރާއްޖެއަށް އެންމެ އެކަށީގެންވަނީ ސިއްހީ ދާއިރާ ލާމަރުކަޒީކުރުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތައް ހެލްތު މިނިސްޓްރީން ހިންގުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމުން، މިނިސްޓްރީގެ ދައުރަކަށް ބޮޑަށް ވާންޖެހޭނީ އެތަންތަން ރެގިއުލޭޓްކުރުންކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އެ މަގަށް ވާސިލުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިސްރާބު ޖައްސަވާފައިވާއިރު ހޮސްޕިޓަލުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި ތަފާތު ސާމާނުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވަނީ ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުން ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ވަކިވަކި ކްލާސްޓާތަކެއްގެ ގޮތަށް ސްޕެޝަލައިޒްޑް ހިދުމަތްތައް އެކި ސަރަހައްދުތަކުން ލިބޭނެ ގޮތަށް ހިދުމަތް ފަތުރާލަން މަަސައްކަތްކުރާނެ ކަމަށެވެ. 

ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަރައްގީކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް އަންނަ އަހަރު ފެށި، އޭގެ ފޮނި މީރުކަން ވެސް އަންނަ އަހަރު ލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް