ads
ކްރިމިނަލް ކޯޓު-- ފޮޓޯ: ރާއްޖެ އެމްވީ
ށ. ފޭދޫގައި ވިހެއުމަށް ފަހު ދަރިފުޅު މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާ
ށ. ފޭދޫގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ވިހެއުމަށް ފަހު، ވިހެއި ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި، ދަރިފުޅުގެ މާމަ އާއި ދޮންކާފަގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.

މި މައްސަލައަކީ 2012 ވަނަ އަހަރު ށ. ފޭދޫގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލި ކަމަށް ބުނާ މައްސަލައެވެ. މި މައްސަލާގައި ދައުވާކުރަނީ، 15 އަހަރުގެ ކުއްޖާގެ މަންމަ، އެރަށު ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި، ދޮންބައްޕަ، އެރަށު ބުލޫހެވަން އަބްދުލްޣަފޫރު ގާސިމްގެ މައްޗަށެވެ. 

މި މައްސަލާގައި މީގެ ކުރިން ވެސް ވަނީ މި ދެމީހުންގެ މައްޗަށް ދައުވާ ކޮށްފައެވެ. އެއީ 2013 ވަނަ އަހަރު އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދެވަނަ ފަހަރަށް ދައުވާކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް ދެމީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ. 

ދައުލަތުން އެ ދެމީހިންގެ މައްޗަށް އުފުލާ މި ދައުވާގައި ބުނެފައިވަނީ، އެ ކުއްޖާ މަރުވެފައިވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށެވެ. އެގޮތުން 15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅަށް، ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށް ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި، އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ކުއްޖާ ވިހެއީ ސިއްހީ ގޮތުން އެކަށީގެން ނުވާ ގޮތަކަށް ކަމަށާއި، ވިހެއުމަށް ފަހު ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަޅުލި ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް