ads
ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ
އިންޑިއަން ސުޕަ ލީގު: ބެންގަލޫރު އެފްސީގެ ފުރަތަމަ މެޗު މިރޭ
އިންޑިއަން ސުޕަ ލީގުގައި، ބެންގަލޫރު އެފްސީން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މިރޭ ގޯއާ އެފްސީއާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.

ހުސް އަތާ ނިންމާލަން ޖެހުނު ސީޒަނަކަށް ފަހު ބެންގަލޫރު އެފްސީންވަނީ މިއަހަރަށް ޓީމު ވަރުގަދަކޮށްފައެވެ. ނިމުނު ސީޒަންގައި ލީގުގައި ކާމިޔާބެއް ނުލިބުނުއިރު، އޭއެފްސީ ކަޕުން ބެންގަލޫރު އެފްސީ ކެޓީ ރާއްޖޭގެ މާޒިޔާ އަތްދަށުވެއެވެ. އެހެންކަމުން އެ ހިތްދަތިކަން ފިލުވާލުމަށް އެ ޓީމުންވަނީ އިތުރު ކުޅުންތެރިން ހޯދައި ޓީމު ވަރުގަދަ ކޮށްފައެވެ. 

ގޯއާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުން ބެންގަލޫރު އެފްސީއަށް މިރޭ ސީޒަން ފެށޭއިރު އެ ޓީމުން ޓާގެޓްކޮށްފައިވަނީ އިންޑިއަން ސުޕަ ލީގު ކާމިޔާބުކޮށް ދެހާސް ބާވީސް ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާށެވެ. އޭއެފްސީ ޗެމްޕިއަންސް ލީގަކީ އޭޝިއާގެ އެއްވަނަ ފަންތީގެ ކްލަބުތަކުގެ މުބާރާތެވެ. 

މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި މާޒިޔާ އަތްދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބުނު ބެންގަލޫރުން އާ ސީޒަނަށް ޓީމަށް ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި ތައިލެންޑްގެ ޓޮޕް ޑިވިޝަންގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ، ބްރެޒިލްގެ ކްލިޓޯން ސިލްވާ ހިމެނެއެވެ. ސިލްވާ ބެންގަލޫރު އެފްސީއަށް ސޮއިކޮށްފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މިއަހަރު ފުރުސަތު ނުލިބުނު އިރު، އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފުންވެސް ބެންގަލޫރުންވަނީ ފުރުސަތު ހޯދާފައެވެ. އަންނަ އަހަރު ބެންގަލޫރު ވާދަކުރާނީ ޕްލޭ އޮފްގައި ރާއްޖޭގެ ކްލަބު އީގަލްސްވެސް ހިމެނޭ ގޮތުން އެއް ފަޅިއެއްގައެވެ.

ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު އޮންނާނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މެޗެއްވެސް ކުޅެވޭނީ އާއްމުކޮށް ސަޕޯޓަރުންނަށް ހުޅުވާނުލައެވެ. އެހެންނަމަވެސް ދުނިޔޭގެ އަށްޑިހަ ދެ ގައުމެއްގައި މުބާރާތް ލައިވްކޮށް ދައްކާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް