ads
ސުޕްރީމް ކޯޓު--
ހައްދުގެ ހުކުމްތައް އިސްތިއުނާފް ނުކޮށްފިނަމަ ތަންފީޒު ކުރަން ޖެހޭނެ: ސުޕްރީމް ކޯޓު
ހައްދާއި ތައުޒީރު ކުރުމުގެ ހުކުމްތައް އިސްތިއުނާފް ނުކޮށްފިނަމަ، އެހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުރަށް ހުށަހެޅުމެއް ނެތި، އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
Advertisement

ގާނޫނުލް އުގޫބާތުގެ 1،205 ވަނަ މާއްދާ ބުނާ ގޮތުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދާއި ގިސާސްގެ ކުށްތައް ސާބިތު ވިޔަސް، އެ ހުކުމެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ނިންމުމުންނެވެ. ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައި އޮންނަ ގޮތުންނަމަ، މަރުގެ ހުކުމާއި ހައްދާއި ތައުޒީރުކުރަން ހުކުމްކުރާ މައްސަލަތަކުގައި ކުށް ސާބިތުވާ މީހާ، މައްސަލަ އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. 

ނަމަވެސް މަރުގެ ހުކުމް ފިޔަވައި އިސްލާމީ ޝަރީއަތުގައި ވާގޮތަށް އިއްވާ ހުކުމްތަކުގައި، ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުރަށް ހުށަހެޅުމެއް ނެތި، އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ، ޒިނޭގެ ކުށް ސާބިތުވެ 100 އެތިފަހަރުން ހައްދުޖަހަން ކުރި ހުކުމެއްގެ ސައްހަކަން ކަނޑައެޅުމަށް އެކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމުގައެވެ. 

އެހުކުމުގައި ވަނީ، ގާނޫނުލްއުގޫބާތުގެެ 1،205 ވަނަ މާއްދާގެ ބޭނުމަކީ ހައްދާއި ގިސާސްގެ ހުކުމްތައް އިސްތިއުނާފް މަރުހަލާ ނުނިމެނީސް ތަންފީޒު ނުކުރެވޭ ގޮތަށް ހެދުން ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި މައްސަލަ އިސްތިއުނާފް ނުކޮށް، އެ މައްސަލައެއްގެ ހުކުމާއި އަދަބު ނިހާއީ ހުކުމަކަށާއި އަދަބަކަށް ވެއްޖެނަމަ އެ މައްސަލައެއްގައި ޝަރީއަތްކުރި ކޯޓުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން އެކަމަށްޓަކައި ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އަދަބެއް ތަންފީޒުކުރަން ޖެހޭނެކަމަށް އެހުކުމުގައި ވެއެވެ. 

ނަމަވެސް ގާނޫނުލް އުގޫބާތުގެ 1،204 ވަނަ މާއްދާ އޮތް ގޮތުން މަރަން ހުކުމްކުރާ ކޮންމެ މައްސަލައެއް މަތީ ކޯޓުތަކަށް ހުށަހަޅަން ލާޒިމްވާތީ، މަރުގެ ހުކުމްތަކުގައި އަމަލުކުރަން ޖެހޭނީ މިހާރުވެސް އަމަލުކުރާ އުސޫލުން ކަމަށް އެހުކުމުގައި ވަނީ ބަޔާންކޮށްފަ އެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް