ads
ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
މި އަހަރުގެ ޓީޓީއެމް ސަމިޓު ވާޗުއަލްކޮށް ފަށައިފި
ރާއްޖޭގައި ޓްރެވަލް އާއި ފަތުރުވެރިކަމަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެއް ސަމިޓް ކަމަށްވާ ޓްރެވަލް އެންޑް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ސަމިޓް މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިިއަށްދާ މި އަހަރުގެ ޓީޓީއެމް ސަމިޓް ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، ސޯޝަލް މީޑިއާ ވިއުގަތައް ކަމަށްވާ ފޭސްބުކް އާއި ޓްވިޓާ އިން މި ސަމިޓް ވަގުތުން ގެނެސްދޭނެ އެވެ.

މިފަހަރުގެ ޓީޓީއެމް ސަމިޓްގައި ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ނެގުމުގެ މައްޗަށް އަލިއަޅުވާލާ އިރު، މި ސަމިޓްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އަލިއަޅުވާލައި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަލިއަޅުވާލާ އިރު، ޑރ. މައުސޫމްގެ އިތުރުން މި އަހަރުގެ ސަމިޓްގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު އާއި، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރްގެ އިތުރުން ބަންގްލަދޭޝްގެ ސަފީރު މުހައްމަދު ނަޒްމުލް ހަސަން ވެސް ވާހަކަ ދައްކަވާނެ އެވެ.

މި އަހަރުގެ ސަމިޓް ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށް ކުރިއަށް ގެންދާ އިރު، މި ސަމިޓްގައި 150 ރިސޯޓާއި ހޮޓެލްތަކުންނާއި 200 އޮޕަރޭޓަރުން ބައިވެރިވެފައިވެ އެވެ.

އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ ޓީޓީއެމް ސަމިޓް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއީ ޓީޓީއެމް މިގޮތަށް ކުރިއަށް ގެންދާ ހަތަރުވަަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް