މިއަހަރުގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނުވަތަ ރާއްޖޭގައި ވިހާ މަރުވި މީހުންގެ ތަފާސްހިސާބު މިއަދު ވަނީ އާންމުކޮށްފިއެވެ. މި ތަފާސްހިސާބުތައް އެކުލަވާލާފައިވަނީ ހެލްތު މިނިސްޓްރީއާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިންނަކީ ރާއްޖޭގައި ވިހައިމަރުވާ ތަފާސްހިސާބު އެ އަހަރެއްގެ ތެރޭގައި އާއްމުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ފަހަރުގެ ބުލެޓިންގައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވިހައިމަރުވުމުގެ ތަފާސްހިސާބުތައް ކަމަށެވެ.
މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައި ބުނީ ރާއްޖޭގައި އަންހެނުން ދަރިން ހޯދާ އުމުރު މަތިވެފައިވާކަމަށެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ދަރިން ހޯދި އަންހެނުންގެ ތެރެއިން އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ 444 މީހުންނެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ތިން ކުޑަކުދިންނަށްވެސް ދަރިން ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެއީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު އަންހެނުން ދަރިން ހޯދި އުމުރު ފުރާތަކާއި އަދަދު
މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 1،435 ކުދިން ވަނީ އުފަންވެފައެވެ. އޭގެތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. އެއީ 697 އަންހެން ކުދިންނާއި 730 ފިރިހެން ކުދިންނެވެ.
މި އަހަރުގެ ފުރަތަމަ ތިންމަހު އެންމެ ގިނަ ކުދިން އުފަންވެފައިވަނީ މާރިޗު މަހުގައެވެ. އެ މަހު 504 ކުދިން އުފަންވިއެވެ. ދެން އެންމެ ގިނަ ކުދިން އުފަންވި ޖެނުއަރީ މަހު 466 ކުދިން އުފަންވިއެވެ.އަދި ފެބްރުވަރީ މަހު އުފަންވީ 457 ކުދިންނެވެ.