އެކަމާއި ގުޅިގެން މިރޭ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީގެ ކުރީގެ ނައިބް ރައީސް އަކްރަމް ވަކިކުރަން ފޮނުވަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ވާހަކަ ދެއްކުމުގައި ކޮމިޝަން މެމްބަރެއް ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތައް ހިފަހައްޓާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މިމަހުގެ 19 ވަނަ ދުވަހު އީސީގެ ނައިބް ރައީސްގެ މަގާމުން އަކްރަމް އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެވެ.
އަކްރަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނިގާފައިނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެ އެވެ.
އަކްރަމްގެ އިސްތިއުފާއާއެކު އީސީގެ ރައީސް އަހުމަދު ޝަރީފް ވެސް ވަނީ އަކްރަމްގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އަކްރަމް އަކީ މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްފާނެ މީހެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.