ads
ފޮޓޯ: މަޖިލިސް
ކޮމިޓީގެ ބަދަލާއެކު ބަޖެޓަށް 200 މިލިއަން އިތުރުވެއްޖެ
ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލާއެކު 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރަން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާ އެވެ. 

މަޖިލީހުގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކޮށްފައިވާއިރު ދައުލަތުގެ ވުޒާރާތަކާއި މުވައްސަސާތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ބަޖެޓާ ގުޅޭ މައުލޫމާތު އޮޅުންފިލުވާފައިވެ އެވެ. އެގޮތުން ބައެއް އިދާރާތަކުން ބަޖެޓް ކުޑަކަމުން، އެކަމުގެ ޝަކުވާތައް ކޮށްފައިވެ އެވެ.

ބައެެއް މަޝްރޫއުތައް އިތުރުކޮށް މިނިވަން މުވައްސަސާތަކާއި ބައެއް ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓް ބޮޑުކޮށްދޭން މިއަދު ކޮމިޓީން ނިންމި ނިންމުމާއެކު މިވަނީ އަންނަ އަހަރުގެ ބަޖެޓްގެ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކޮމިޓީގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ގެންނަން ނިންމި ބަދަލުތަކުގެ ލިސްޓެއް އިއްވާފަ އެވެ.

އަދި ހަރަދާއި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ސަރުކާރުން ހުށަހަޅާފައިވާ އާކަންތައްތަކުން ލިބޭނެ ކަމަށް ލަފާކުރި 1.2 ބިލިއަން ރުފިޔާގެ ޖުމްލަ، އާމްދަނީ 3.3 ބިލިއަަށް އިތުރުކޮށްފަ އެވެ. 

އޭގެ އިތުރުން ޔައުގޫބް ހުށަހަޅާފައި ވަނީ ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމުގެ އިތުރަށް ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރި 300 މިލިއަން ވެސް އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމަށެވެ. 

ބަޖެޓަށް އިތުރުކުރި ކަންކަމަށް ބަލާއިރު ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުން 253 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުން 218 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ އެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހިމެނެ އެވެ. 

ޔައުގޫބް ހުށަހެޅުއްވި ގޮތަށް އަންނަ އަހަރަށް ލަފާކުރާ އާމްދަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކުރަން ފާސްކުރިއިރު ކޮމިޓީން ގެނައި ބަދަލާއެކު އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފަ އެވެ. 

އެ ބަދަލުތަކުގެ އިތުރުން ބަޖެޓް ކޮމިޓީން ވަނީ ސަރުކާރަށް ގިނަ ރިކަމެންޑޭޝަންތަކެއް ހުށަހަޅަން ވެސް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ދަރަނި ރީސްޓްރަކްޗާ ކުރުމާއި ދައުލަތުން ކުރާ ބައެއް ހަރަދުތައް މުރާޖައާކުރުން ފަދަ ކަންކަން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް