ads
އޯލަ އެޕް--
ދިވެހި ބަހަށް ލޯބި ޖައްސަން، ކުޑަކުދިންނަށް ބޮޑު ހަދިޔާއެއް!
ކުޑަކުދިންނަށް ހާއްސަކޮށް "އޯލަ" އިގެ ނަމުގައި ވާހަކަ އެޕެއް ތައާރަފުކޮށްފި އެވެ.

"2021 ގައި ކުޑަކުދިންނަށް ވާހަކަ އެޕެއް" ގެނެސްދޭނެ ކަމަށް ބުނެ "އޯލަ" ނަމަކަށް ކިޔާ ބަޔަކު ޓްވިޓާއަށް ދޫކޮށްލި ކުރު އެހެނަސް މާނަ ފުން މެސެޖަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު ވަޒީރުން ވެސް އެ ޓްވީޓު ރީޓްވީޓްކޮށްފައިވެ އެވެ. 

އޯލައިން ދޫކޮށްލި ޓްވީޓް ރީޓްވީޓް ކުރި ހުރިހާ ފަރާތްތަކުންވެސް އެއްބަސްވާ އެއްކަމަކީ ކުދިން ކިޔާނެ އެކަށީގެންވާ ދިވެހި ވާހަކަ ނެތްކަމެވެ. އަދި ކޮންމެ ޓްވީޓަކާއެކުވެސް ފާޅުކޮށްފައިވަނީ އޯލައަށް ހިތުގެ އެންމެ ފުނުން ޝުކުރާއި އައްސަރިބަހާ ސާބަހެވެ. އަދި އެފަދަ އެޕަކަށް ބޭނުންވެފައި އޮތް މިންވަރެވެ.

ކުޑަކުދިންގެ ޅައުމުރުގައި ކަންތައްތަކަށް ޝައުޤުވެރިކަން އުފެއްދުމަކީ މުހިންމުކަމެއްކަން އޯލަ އެޕް އުފެއްދި ފަރާތްތަކުން ދެކެ އެވެ. ދިވެހި ބަހަށް ކުދިން ބީރައްޓެހިވަމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީވެސް ޅަ އުމުރުގައި އެކުދިން ކިޔާނެ އެކުދިންގެ އުމުރު ފުރައާއި ގުޅޭނެ ވާހަކަ އަދި ތައުލީމީ އުފެއްދުންތައް މަދުންކަން ވެސް ފާހަގަކުރެ އެވެ. 

އެންމެ ތުއްތު ކުއްޖާގެ އުމުރާ ގުޅޭގޮތަށްވެސް ތައްޔާރުކޮށްފައިވާ އިނގިރޭސި ވާހަކަ ފޮތްތަކާއި ލަވަތަކާއި އެހެނިހެން ތައުލީމީ އުފެއްދުންތައް ހުރީ ބެލެނިވެރިން ބޭނުންވެއްޖެ ކޮންމެ ވަގުތަކު އެކުދިންނަށް ފޯރުކޮށްދެވޭހާ ގާތުގައި ކަމަށާއި މަދުވަނީ ދިވެހި ބަހުގެ ސާމާނުކަމަށް ވެސް ބުނެފައިވެ އެވެ. 

އެ އެޕް އުފެއްދި ފަރާތްތަކުން ބުނާގޮތުގައި ފަށައިގަންނައިރު ހަތް އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްފައިވާ އެޕް ހަމަ ގައިމުވެސް ވާނީ އެ ކުދިން ދިވެހި ބަހަށް ޝައުގުވެރިކުރުވުމަށް ބެލެނިވެރިންގެ އަތްމައްޗަށް އަރާ ވަރަށް އަގުހުރި ރައުސުލްމާލުކަށެވެ. އަދި އެ ޝައުގުވެރިކަމުގައި އެކުދިން ބޮޑުވެގެން އަންނައިރު ޔަގީނުންވެސް ދިވެހި ބަސް އިތުރަށް އުނގެނި އެ ބަސް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް އެ އެޕް ވެގެންދާނެކަމުގެ ޔަގީންކަން ދެ އެވެ. 

"އޯލަ" އެޕްގެ ޓްވިޓާ ތައާރަފްގައި ބުނެފައިވާ ގޮތަށް މިއަދު މިވަނީ "ރައްކައުތެރި، އޯގާތެރި، އިހްލާސްތެރި، ހިކުމަތްތެރި އަދި ތޫނުފިލި ޖީލަކަށް" ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. "އޯލަ" އިން އެ ފެށި މަސައްކަތަކީ ޔަގީނުންވެސް ބޭނުންވާ ތޫނުފިލި ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު މަސައްކަތަކަށް ވާނެ އެވެ. އެގޮތުން އުއްމީދަކީ ދިވެހި ބަހަށް ކުޑަކުދިން ޝައުގުވެރިކަން އުފެއްދުމަށް ބޭނުންތެރި މުހިންމު އެޕަކަށް "އޯލަ" ވުން ކަމަށް ބުނެ އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް