ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން މި މަސައްކަތް ހަވާލުކުރީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ އެވެ.
އެންވާރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން އާއި އެންސިސް ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.
އެ ކުންފުންޏާއި ސްޓެލްކޯ އާ ދެމެދު ޕަވާ ޕާޗޭސް އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފައި ވެއެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.
އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ އާއި ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި އެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ ބިޑިން މަރުހަލާއަށް ފަހު އެންމެ ކުޑަ އަގެއް ހުށަހެޅީ އެންސިސް ކުންފުނި ކަމަށާއި އެ ކުންފުނިން ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް އޭގެން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ޔުނިޓަކަށް 10.09 އެމެރިކާ ސެންޓުގެ ރޭޓުން ކަމަށެވެ.
މިއީ އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްޓެލްކޯއަށް ކަރަންޓު ވިއްކާ އަގަށް ވުރެ ދެބައި ކުޅަ އެއްބައި ކުޑަ އަގެކެވެ. ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.
މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހި ނިމުމުން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ވާނެ ކަމަށާއި ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.
މި ނިޒާމުގެ ސްޓްރަކްޗާ ތައްޔާރުކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އަދި ސްޓްރަކްޗާއަށް ގެއްލުމެއް ވެއްޖެ ނަމަ ކުންފުނިން އެކަމަށް ޒިންމާވާ ގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.