އުމުރުން ތިރީސް ނުވަ އަހަރުގެ އިބްރޮހޮމަވިޗަށް އަނިޔާވީ މި ހަފުތާ ތެރޭގައި ނަޕޯލީ ބަލިކުރި މެޗުގައެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރޮހޮމަވިޗަށް އަނިޔާ ވެގެން ދެވަނަ ހާފުގެ ތެރޭގައި އޭނާ ބާލަން ޖެހުނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ އިބްރޮހޮމަވިޗް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ދެ ހަފުތާ ނަގާނެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވެގެންވެސް ދެ ހަފުތާއަށް އިބްރޮހޮމަވިޗަށް ކުޅުން ގެއްލުނެއެވެ. އެހެންމަވެސް އާދަޔާ ހިލާފު މޮޅު ފޯމެއްގައި ހުރި ތަޖުރިބާކާރު ފޯވާޑު އެނބުރި އައި މެޗުގައިވެސް ގޯލްތަކެއް ޖެހިއެވެ. އުމުރުން ސާޅީހާއި ގާތްވެފައިވާއިރު، އިބްރޮހޮމަވިޗް މި ސީޒަންގައި ދައްކަމުން އަންނަ މޮޅުކުޅުމާއި އެކު މިލާން އޮތީވެސް އެއްވަނައިގައެވެ. އަނެއްކޮޅުން އިޓާލިއަން ލީގުގައި ދިހަ ގޯލާއި އެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް މި ވަގުތު މި ސީޒަންގައި އޮތީ ޒްލަޓާން އިބްރޮހޮމަވިޗް އަތުގައެވެ.