
ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާއިލާތައް ހާލުގައި ޖެހިފައިވާއިރު މިހާރު ވެސް ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން އަންނަނީ 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.
އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މަގުމަތީގައި ވަންނާނެތަނެއް ނެތި މީހުން ނިދަމުން އަންނާތީ ކަންބޮޑުވުން އެބަ ހުރި ކަމަށާއި އެގޮތުން މިދިޔަ އޭޕްރީލް މަހުން ފެށިގެން މިނިސްޓްރީން 500 އެއްހާ މީހުންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކައުންސިލްތަކާއި ގުޅިގެން އެމީހުން އާއިލާތަކާއި ހަވާލުކުރުމުގެ ކަންކަން ވެސް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަގުތީ ހިޔާތަކުން ފޯރުކޮށްދެމުން އައި ހިދުމަތް ހުއްޓާލާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީއާ ގުޅިގެން އަނެއްކާ ވެސް އެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަގުމަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާއި އެ މަސައްކަތުގެ ދަށުން މަގުތަކާއި މާރުކޭޓްތަކުގައި ނިދާއި މީހުން ހޯދައި، އެމީހުންނަށް އެހީވާނެ ކަމަށެވެ.
މަގުމަތިވެފައިވާ މީހުންނަށް އެހީވާން ސަރުކާރުން ނިންމިއިރު މިހާރު ވެސް މަގުތަކާއި މާރުކޭޓްތަކުގެ އިތުރުން މިސްކިތްތަކުގައި ވެސް ބައެއް މީހުން އަންނަނީ ނިދަމުންނެވެ.