މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ސީމެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ރެޕްރެސެންޓޭޓިވް ލިއު ޝިއައޯޑާ އެވެ.
އެ އެއްބަސްވުމަކީ ޕްރޮޖެކްޓް ފީޒިބިލިޓީ އަދި ޑިޒައިންގެ އިތުރުން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ސީމެކް އާއި އެއްކޮށް ވެވިފައިވާ ފްރޭމްވޯކް އެއްބަސްވުމެކެވެ.
"ދަ ކޮރަލް" ގެ ނަމުގައި ހުށަހަޅާފައިވާ އެ ޕްރޮޕޯސަލްގެ ދަށުން ސީމެކް އާއި އަޅަން ހަވާލުކޮށްފައިވާ ސްޓޭޑިއަމް ގައި 20،000 މީހުންގެ ޖާގަ އެއް ހިމެނޭއިރު، ސިންތެޓިކް ރޭސް ޓްރެކް އަކާއި، ފުޓްބޯޅަ ދަނޑަކާއި، އަދި އެހެނިހެން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ވެސް ހާއްސަ ޖާގައެއް ހިމަނާފައިވެ އެވެ.
ޗައިނާގެ ސީމެކް އަށް އެ ޕްރޮޕޯސަލް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި 27 ގައި އިއުލާންކުރުމާއި ގުޅިގެންނެވެ.