ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ އިސްލާހު ތަސްދީގުކޮށްފި
އިމިގްރޭޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހުގެ ދަށުން، ރާއްޖޭގައި ބިދޭސީއަކު ހުރުމަށް އިތުރު ދެ ވިސާއެއް ދިނުމަށް ވަނީ އިތުރުކޮށްފައެވެ. އެއީ، މީޓިންގް ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިސާތައް ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަނެވެ.

މީޓިންގް ވިސާ

މީޓިންގް ވިސާއަކީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުން ހުރި ބައްދަލުވުމެއް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ދެވޭ ހުއްދައެކެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ.

އަދި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ.

މަޖިލީހުން މިބިލު ފާސްކޮށްފައިވަނި، މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް