
ތުޅާދޫ، މަންޒިލް އިބްރާހީމް ހުސައިންފުޅަކީ، ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އިބްރާހީމް ޙުސައިންފުޅުގެ އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި ރައީސް ވިދާޅުވީ އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ، ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ހާއްސަކޮށް، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމަށެވެ.
އިބްރާހީމްފުޅަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހާއްސަކޮށް، ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސްގެ ސިޓީގައި ފާހަގަކުރައްވަ އެވެ. އަދި އިބްރާހީމްފުޅަކީ، ތުޅާދޫގެ ވަރަށްގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޒަކަށްވުމާއެކު، ކުޑަކުދިންނަށް ގުރްއާން ކިޔަވައިދެއްވުމުގައްޔާއި، ގުރްއާން ހިތުދަސްކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި، އެރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެއްވި އެވެ.