މިއީ ސީރިއާގައި ތިބި ދިވެހިންގެ ހާލަތު ސާފުކުރުމަށް ސީއެންއެމް އިން އެމީހުންގެ އާއިލާ މެމްބަރުންނާ ބައްދަލުކޮށް ކޮށްފައިވާ އެކްސްކުލޫސިވް އިންޓަވިއުއެކެވެ. "އަލް ހައުލް" ރެފިއުޖީ ކޭމްޕަކީ ސީރިއާގެ ދެކުނު އައްސޭރީގެ އަވަށެއްކަމަށްވާ، "އަލް ހައުލް" ގައި ގާއިމް ކޮށްފައިވާ ކޭމްޕެކެވެ. މި ކޭމްޕު ހުންނަނީ ސީރިއާއި އިރާގު ގުޅޭ ބޯޑަރު ކައިރީގައެވެ. މި ކޭމްޕުގައި މިހާރު ތިބީ ސީރިއާގައި އިސްލާމިކު ސްޓޭޓް، އައިއެސް އިން ހިފާފައިވާ ސަރަހައްދުން އެ ޖަމާއަތް ބަލިކުރުމަށް ކުރި ހަނގުރާމައިން ސަލާމާތްވާން ގޮސް ތިބި މީހުންނެވެ. އެ ކޭމްޕު ކޮންޓްރޯލް ކުރަނީ އެމެރިކާއިން އެހީތެރިވާ "ސީރިއަން ޑިމޮކްރެޓިކް ފޯސް" އެސްޑީއެފްގެ ހަނގުރާމަވެރިންނެވެ.
އޭޕްރީލް މަހާހަމައަށް އެ ކޭމްޕުގެ އާބާދީއަކީ 74،000 މީހުންނެވެ. އެމީހުން ނިސްބަތްވަނީ 50 ވަރަކަށް ގައުމަކަށެވެ.
ކޭމްޕުގައި 56 ދިވެހިން ވެސް އެބަތިއްބެވެ. އެއީ މުޅިން ވެސް އަންހެނުންނާ ކުޑަކުދިންނެވެ. ކުޑަކުދިންގެ އަދަދަކީ 33 ކެވެ. ކޭމްޕުގައި ތިބި ދިވެހިން ނިސްބަތްވަނީ 12 އާއިލާއަކަށެވެ. ރާއްޖޭގައި ތިބި އެއާއިލާތަކުން އަންނަނީ ކޭމްޕުގައި ތިބި މީހުން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ސީރިއާގައި ތިބި ބައެއް އާއިލާތަކުން އެނބުރި އައުމަށް އެދިފައިވާކަމަށް ވެސް ސިފައިން ވެސް ވަނީ ބުނެފައެވެ. ތިރީގައި މިވަނީ ސީއެންއެމްއިން ސީރިއާގައި ތިބި ދިވެހިންގެ އާއިލާ މެމްބަރުންނާ ކޮށްފައިވާ އިންޓަވިއުގެ ބައެއް ބައިތަކެވެ.
އާއިލާގެ މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކީ އަހުމަދު އަލީ [އަސްލު ނަމެއް ނޫން] އެވެ. އޭނާ ވާހަކަ ދެއްކީ މި 12 އާއިލާ ތަމްސީލު ކުރުމަށެވެ.
ސީއެންއެމް: ސީރިއާގެ "އަލް ހައުލް" ކޭމްޕުގައި ތިބި ދިވެހިންގެ ހާލަކީ ކޮބައިތޯ؟
އާއިލާ މެމްބަރު އަހުމަދު (އަސްލުނަމެއް ނޫން): އަޅުގަނޑުމެގް ސީރިއާގައި ތިބި އަޅުގަނޑުމެންގެ އާއިލާގެ ކުދިންނާ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ކޮއްކޮމެން ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ސަރުކާރާ ގުޅިގެން ކުރަމުން މިއަންނަނީ. އެހެން ނަމަވެސް އަދި މިހާ ހިސާބަށްވެސް އެކަމާ ބެހޭ އެއްވެސް ކަހަލަ ކުރިއެރުމެއް އަދި ވަނީ ނުލިބިފަ. އަލްހައުލް، ހަގީގަތަކީ އެތަނުގައި ވަރަށް ހާލުގަ ދިވެހި ކުޑަކުދިންނާ ޒުވާން އަންހެން ކުދިންތަކެއް އެތިބީ. އެތާނގަ ތިބި ކުދިން [ކުޑަކުދިން] ނަކީ މިދެވެނީ ކޮންތާކަށްކަން ނޭނގި ގޮސްތިބި ކުދިން. މިހާރު އެމީހުން ތިބި އަލް ހައުލް ކޭމްޕަކީ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިތިއްބާފަ ތިބި ކޭމްޕެއް. އެހެންކަމުން އެތަނުގަ ބޭސްފަރުވާއާ ކާބޯތަކެތި ލިބުން ވަރަށް ދަތިވެފަ އޮންނަނީ
ސީއެންއެމް: ދިވެހިން ތިބި ކޭމްޕުގައި ތިބި މީހުންނަށް ކޭމްޕު ބަލަހައްޓާ ފަރާތުން އަމަލުކުރަނީ ކިހިނެއްތޯ؟
އަހުމަދު: މިހާރު ދިވެހި ކުދިން ތިބި ކޭމްޕުތަކާ ކައިރީގައި ތިބި ބައެއް ކޭމްޕުތަކުގައި ތިބި ޔޫރަޕު އަދި ރަޝިޔާ ތަންތާގެ ކުދިން ތިބޭ ކޭމްޕުތަށް ރޭގަނޑު ދަންވަރު ގަޑީގަ އެސްޑީއެފް މީހުން ސިފައިން ވަދެ އެމީހުން ޗެކް ކުރުމުގެ ނަމުގަ ގެންގޮސް އެމީހުން އަނބުރާ ކޭމްޕުތަކަށް ނުގެނަ ވާހަކަވެސް އާއިލާއަށް ގުޅައިގެން އެމީހުން އަންނަނީ ކިޔައިދެމުން. އެހެންވެ އަޅުގަނޑުގެ ކޮށްކޮމެންވެސް ތިބެނީ ވަރަށް ބިރުން. އެ ހަބަރުތައް ވެސް އަޅުގަނޑުމެން ވާނީ ސަރުކާރާ ހިއްސާކޮށްފަ.
ސީއެންއެމް: ތި ވިދާޅުވި ކަންކަމުގެ އިތުރުން ބޭސްފަރުވާވެސް ދަތިކަމަށްވެސް ދަންނަވައިފި. ބޭސް ފަރުވާ ނުލިބިގެން އެއްވެސް ހާދިސާއެއް ދިމާވެފައި އެބަހުރިތޯ؟ ނުވަތަ އެފަދަ ވާހަކައެއް ތިބޭފުޅާގެ އާއިލާއިން ހިއްސާކޮށްފައިވޭތޯ؟
އަހުމަދު: ކޭމްޕުގަ ބޭސް ފަރުވާ ނުލިބިގެން ވަރަށް ހިތާމަވެރި ހާދިސާއެއް ވަނީ ދާދި ފަހުން ވެސް ހިނގާފަ. ކޭމްޕުގައި ހުރި ދިވެހި ކުއްޖެއް ބަނޑު ބޮޑުވެގެން އޭނާއަށް ވެސް އެކަށީގެންވާ ފަރުވާ ނުލިބި ވަނީ ކޭމްޕުގައި ވިހާފައި. އަދި އޭނާގެ ދަރިފުޅު ވަނީ ފަރުވާ ނުލިބި އެއްމަހުގައި ނިޔާވެގެން ގޮސްފައި.
ސީއެންއެމް: މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކުރި މަސައްކަތަކީ ކޮބައިތޯ؟ އަހުމަދު: މިކަންކަން ހުންނާނެ ރައީސް އޮފީހަށާ ފޮރިން މިނިސްޓްރީއާ ތަންތަނަށްވެސް ފެބުރުއަރީ މަހުން ފެށިގެން ސިޓީވެސް ލަމުން މިގެންދަނީ. މިއަދާހަމައަށް ވެސް އަޅުގަނޑުމެންނަށް މިއިން ސިޓީއެއްގެ ވެސް ޖަވާބުވެސް ނުލިބޭ.
ސީއެންއެމް: ސީރިއާއަށް ހަނގުރާއަމަށް ދިޔަ ދިވެހިން އަލުން އަނބުރާ ގެނައުމަކީ ބިރުވެރިކަމެއް ކަމަށް ގިނަބަޔަކުދެކޭ. އަލް ހައުލް ކޭމްޕުގައި ތިބި މީހުން ގެނެސްގެން ރާއްޖެއަށް ބިރުވެރިކަމެއް މެދުވެރިވެދާނެކަމަށް ގަބޫލު ކުރައްވަންތޯ؟
އަހުމަދު: ތި ވިދާޅުވިގޮތަށް ދިވެހިރާއްޖޭގެ ޓުވިޓާގައި އަދިވެސް ހަމަ ސޯޝަލް މީޑިއާގައާ އެކިއެކި ވަސީލަތްތަކުގަ އެމީހުން ދިވެހިރާއްޖެއަށް ގެނެސްފިނަމަ އޭގެ ސަބަބުން ވަރަށް ބޮޑެތި ނުރައްކާތެރިކަމެއް ވަރަށް ގިނަ މީހުންނަށް ދެކެވޭ. އަސްލު އެއީ ވަރަށް ބޮޑު ކުށްހީއެއް. އެތަނުގައި ގިނައީ 25 އަހަރުން ދަށުގެ އަންހެންކުދިން. އެމީހުންވެސް ތިބީ ޖިސްމާނީގޮތުން ވަރަށް ބަލިވެފަ. ގިނަ މީހުންނަކީ ފިރިން އޮޅުވާލައިގެން ގެންދިޔަ މީހުން. ފިރިން މި ބުނަނީ ކިޔަވައިދޭނަމޭ ނޫނީ އެކަހަލަ ކޮންމެވެސް އެކަހަލަ ކަމެއް ކޮށްދޭނަމޭ ބުނީމަ ގޮސް ތިބި މީހުން. އެމީހުން ގޮސްތިބީ އަމާންތަނެއްކަމަށް ވިސްނައިގެން.
ސީއެންއެމް: ސީރިއާގައި ހަނގުރާމަ ކުރާ ދުވަސްވަރު އެތަނަށް ދާނީ ހަނގުރާމައަކަށް ނޫންތޯ؟
އަހުމަދު: އަންހެނުންނާ ކުޑަކުދިން އޮޅުވާލައިގެން ގެންގޮސް އެބަތިބި. އެމީހުން ދިޔަ ދުވަސްވަރު އައިއެސްގެ ބާރު ވަރަށް ބޮޑަށް އޮތް. ބައެއް މީހުން ތިބި ތަންނުގައި އޭރު ހަނގުރާމަ ނުވެސް ކުރޭ. ފަހުން ގޮސް ހަނގުރާމަ ބާރު ބޮޑުވެގެން ގޮސް އެމީހުން ހަނގުރާމައިގެ ތެރެއަށް އަސްލު ވަދެގެން ދިޔައީ. އެމީހުންނަކީ ހަނގުރާމައިގެ ތަމްރީނުތަކެއް ވެގެން އައިސް ތިބި ބައެއްވެސް ނޫން.
ސީއެންއެމް: ކޭމްޕުގައި ތިބީ ކޮން އުމުރެއްގެ ކުޑަކުދިންތޯ؟ އެކުދިން ތިބީ ހަނގުރާމައިގެ ތަމްރީނު ހޯދައިގެންތޯ؟
އަހުމަދު: ކޭމްޕުގައި ތިބީ އެއްއަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުޑަކުދިން. އެމީހުންނަކީ ތަމްރީނެއް އެއްޗެއް ވެގެން ގޮސްތިބި ކުދިންނެއް ނޫން. އެއަށްވުރެ ކުދިންނަކީ ތުއްތު ކުދިން. ދެން އޮތް ވާހަކައަކީ އެމީހުން ކަމެއް ކޮށްފާނެކަމަށް ދިވެހި ރައްޔިތުންތަކެއް ނުގެނެސް ބައިތިއްބާފަ ބޭތިއްބާނަމަ ދިވެހިރާއްޖޭގައި މިހާރުވެސް އެބަތިބި ދިވެހިރާއްޖޭގަ ބޮން ގޮއްވާ ކަންތައްތައް ކޮށްފައިތިބި މީހުން.
ސީއެންއެމް: ދާދިފަހުން ސޯޝަލް މީޑިއާގަ ލީކުކޮށްލި ކޭމްޕުގައި ތިބި ކުޑަކުދިންގެ ލިސްޓެއްކަމަށް ބުނެ ލިސްޓެއް މީގެ ހަގީގަތަކީ ކޮބައިތޯ؟
އަހުމަދު: އެ ލިސްޓުގައި ތިބި ކުދިންނަކީ އަސްލުވެސް ކޭމްޕުގައި ތިބި ބައެއް ކުދިން. އޭގެތެރޭގަ އެ ލިސްޓުން އުނިވެފައި އެހުރީ ދައުލަތުގެ މިނިސްޓަރަކާ އާއިލީގޮތުން ގުޅުން އޮތް ބައެއް ކުދިން...
ސީއެންއެމް: ކޭމްޕުގައި ތިބި ކުޑަ ކުދިންގެ އަސާސީ ހައްގުތައް ލިބޭތޯ؟
އަހުމަދު: ކެއިންބުއިމާ ތައުލީމާ ބޭސްފަރުވާއެއް އެތަނުން ނުލިބޭ. ރެޑް ކްރެސެންޓު މީހުން ކޭމްޕަށް ވަން ދުވަހަކު ރާއްޖޭގަ މިގެންގުޅޭ ޔޯގަޓު ތައްޓެއް ވަރުގެ ކޭމްޕުފުޑް ކިޔާ ދަޅެއް ދެނީ. އޭއްޗެހި ދެނީ ދެ ދުވަހަށް ނޫނީ ތިން ދުވަހަށް ވާވަރުގެ އެތިކޮޅެއް.
ސީއެންއެމް: ޔަތީމް ވެފައި ތިބި ކުދިން ބަލަހައްޓަނީ ކޮންބައެއްތޯ؟
އަހުމަދު: ޔަތީމްވެފައި ތިބި ކުދިންވެސް ބަލަހައްޓަނީ ކޭމްޕުގައި ތިބި ދިވެހި އަންހެން ކުދިން. މަންމައާ ބައްޕަ މަރުވެފައި ތިބި ކުދިންކަން އެނގިއްޖެއްޔާ އެމީހުން [އެސްޑީއެފް] އިން އެކުދިން ނަގަނީ. އެހެންވެ އެމީހުން އެތިބެނީ ތުއްތު ކުދިންނަކީވެސް ދިވެހި ކުދިންވީމާ އެމީހުންގެ ދަރިނޭކިޔާގެން ހަނގުރާމަވެރިންނަށް ކުދިން ނުދޭން ހިފަހައްޓައިގެން. އެގޮތަށް ފަސް ކުދިން އެބަތިބި. އެސްޑީއެފް އިން މި ކުރާކަމަކީ. މީ މަންމަ ނެތް ކުއްޖެކޭ ބުނެއްޖިއްޔާ އެމީހުންގެ ޔަތީމު ކުދިން ބައިތިއްބާ ތަނަކަށް ގެންގޮސް ދޫކޮށްލަނީ. އެ ހިސާބުން އެކުދިން އެ ގެއްލުނީދޯ.
ސީއެންއެމް: އެކުދިންނަކީ ދިވެހި ކުދިންކަން ޔަގީންތޯ؟
އަހުމަދު: ސަރުކާރުން ވެސް އެބަ ބުނޭ ތީ ދިވެހިކުދިންތޯ ކިހިނެއްހޭ ޔަގީން ކުރާނީ ޑީއެންއޭ ހަދަންޖެހޭނޭ. އެކަމަކު އެތާންގަ އަސްލު ނެތް ބޭރު މީހުންގެ ދަރިންނެއް. ހުސް ދިވެހިންގެ ދަރިން ތިބީ. ބޭރު މީހަކާ އިނދެގެންވެސް ލިބިފަ ހުރި ކުއްޖަކު ނެތް ކޭމްޕުގަައި.
ސީއެންއެމް: އެމީހުން ރާއްޖެ ގެނައުމަށް ކުރައްވާ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ކޮބައިތޯ؟
އަހުމަދު: އެންމެ ބޮޑު ހުރަސް އަޅުގަނޑުމެންނަށް ސާފެއް ނުވޭ. ސަރުކާރުން އަޅުގަނޑުމެންނަށް ދޭ ޖަވާބަކީ ވަރަށް ބައިވަރު ދަތިތައް އެބަހުއްޓޭ.