ads
ފޮޓޯ: ފޮރިން މިނިސްޓްރީ
އޯއައިސީގެ ހަވާސާގައި ހާރިޖީ ވަޒީރުންނާ ޝާހިދު ބައްދަލުކުރައްވައިފި
އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން، ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފި އެވެ.

ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސައޫދީ އަރަބިއްޔާގައި މަޑުކުރައްވާފަ އެވެ. އަދި ވެރިރަށް ރިޔާޟްގައި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވި އެވެ. މިނިސްޓަރ ޝާހިދު ނީޖާގެ ނިއާމޭއަށް ވަޑައިގަތީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގަ އެވެ.

ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ ތުރުކީވިލާތުގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޓާކިޝް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ، އެކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

އޭގެ އިތުރުން ސަމިޓްގެ ހަވާސާގައި ސެނެގާލްގެ އާ ހާރިޖީ ވަޒީރު އައިސަތާ ޓޯލް ސޯލްއަށް އާ ބައްދަލުކުރައްވައި، އެކަމަނާ އަށް މިނިސްޓަރު ޝާހިދު މަރުޙަބާ ވިދާޅުވި އެވެ.

އަދި މޮރިޓޭނިއާގެ ހާރިޖީ ވަޒީރު އިސްމާއިލް އައުލްދް ޝެއިޚް އަހުމަދު އާއިވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި އެވެ. ސަމިޓްގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތްނަމަވެސް ދެގައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެގައުމު ކަމަށެވެ. 

ދަ ގެމްބިއާގެ ހާރިޖީ ވަޒީރު މަމަދޯ ޓަންގަރާ އާވެސް މިނިސްޓަރު މިއަދުގެ ސަމިޓްގައި ބައްދަލުކުރެއްވި އެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ދިވެހިރާއްޖެއާއި ދަ ގެމްބިއާ ގުޅިގެން ބައިނަލްއަގްވާމީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެ ގައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް