ads
ފޮރިން މިނިސްޓަރު ޝާހިދު--
މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާ ހުއްޓުވަން ރާއްޖެއިން ގައުމުތަކަށް ގޮވާލައިފި
އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 47 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަމުން އަންނައިރު "ސުލްޙައާއި ތަރައްގީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، މި ޝިއާރުގެ ދަށުން ނީޖާގެ ވެރިރަށް ނިއާމޭގައި ބޭއްވި ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯ.އައި.ސީގެ މެމްބަރު 57 ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެޖަމްއިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވާހަކައިގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތްކުރުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވި އެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

އަދި މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރު ޝާހިދު ތަކުރާރުކުރެއްވި އެވެ. އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. 

ސުލްހަވެރި، އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ އުއްމަތެއްގެ ގޮތުގައި ދެމި އޮތުމަށް މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، އޯ.އައި.ސީގެ ވިމެންސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ދިވެހިރާއްޖެއިން މިދިޔަ އަހަރު ބައިވެރިވެ، އެޖަމްއިއްޔާގެ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި މިއަހަރު އޮކްޓޫބަރު މަހު ރާއްޖެއިން ބައިވެރިވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އެޖަމްއިއްޔާއާ ނުގުޅި ހުރި ގައުމުތަކުން އެ ޖަމްއިއްޔާ އާ ގުޅުމަށް ވެސް ގޮވާލެއްވި އެވެ. 

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވައި، ސިއްހީ، އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާއަށް ކޮވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅުތަކެއްގެ ސަބަބުން އިގްތިސޯދަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އޯ.އައި.ސީ ގައި ހިމެނޭ ކުދި ގައުމުތަކަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި، އެގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލެއްވި އެވެ. 

އޭގެ އިތުރުން ސައޫދީ އަރަބިއްޔާގެ ރިޔާސަތުގައި ޖީ-20 ގެ ގައުމުތަކަށް ގައުމުތަކުން ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވޯކްއާ ހަމަޔަށް ދިޔުމާ ގުޅިގެން އެކަމަށް މިނިސްޓަރު ޝާހިދު މަރުބާ ވިދާޅުވިއެވެ.

އޯ.އައި.ސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. އެގޮތުން ސައޫދީ އަރަބިއްޔާ، ދަ ގެމްބިއާ، ތުރުކީވިލާތް، ޕާކިސްތާން، އަފްޣާނިސްތާން، މޮރިޓޭނިއާ އަދި ސެނެގާލްގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވި އެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުހައްމަދު ހަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް