ހައްޔަރުކޮށްފައިވަނީ ދ.ކުޑަހުވަދޫ، ދިރުން 2 ނަމަކަށް ކިޔާ ދޯންޏެއްގެ 15 ފަޅުވެރިންނެވެ. ފުލުހުން ބުނީ އެ ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީންވާން އަންގާފައި ވަނިކޮށް ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ އެއްވެސް ހުއްދައެއް ނެގުމެއްނެތި އެ ރަށުން ފުރައިގެން ދިޔަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން ރޭ އެދޯނީގެ 15 ފަޅުވެރިން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި އެމީހުން 14 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައިސޮލޭޝަން ނުވަތަ ކަރަންޓީނާއި ހިލާފުވާ ފަރާތްތައް 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ނިންމާފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.
ގަވާއިދުގައި ބުނީ އެ ގަވާއިދުގެ ދަށުން ކަރަންޓީނުކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެކަމަށް އިހުތިރާމްކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، އެންމެން ވެސް ދޭން ޖެހޭނެ ކަމަށެވެ.
އަދި އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފިނަމަ، ނުވަތަ އާންމު ސިއްހަތު ރައްކައުތެރިކުރުމަށް ހުރަސްއަޅައިފިނަމަ، އެކަމަކީ ކުށެއް ކަމަށެވެ.
އެގޮތުން އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާއެކެވެ.
އެ ގަވާއިދުގައިވާ ގޮތުން ކަރަންޓުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު ޖޫރިމަނާކުރާނީ 2500 ރުފިޔާ އިންނެވެ. އަދި ދެވަނަ ފަހަރު 3500 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާފައިވާއިރު އެކުށް ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ.
އެކަމާއި ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ ފުލުހުންނެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނުވާ ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ކައުންސިލުތަކުންނެވެ.