ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ވޯޓް އަޅައިގެން އެމްޑީޕީ ސަރުކާރު ބަދަލުކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
އެމްޑީޕީ ކޯލިޝަން ސަރުކާރު ވޯޓުން ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ މިއަދަށް އަހަރެއް ފުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން، އަތޮޅުތެރޭގެ ރައްތަކުގައާއި، ކަނޑުމަތީގައި އިހުތިޖާޖު ކުރަމުން އަންނައިރު، ޕީޕީއެމްއިން ކުރި ޓްވީޓެއްގައި އެޕާޓީން ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްވި މެސެޖު މީސްމީޑިއާއަށް ދޫކޮށްލާފައެވެ. 

ރައީސް ޔާމީންގެ މެސެޖުގެ ގޮތުގައި ވަނީ، އެމްޑީޕީ އާއި ކޯލިޝަންގެ ސަރުކާރު ވޯޓުން ބަދަލުކޮށްދިނުމަށާއި، އެއީ އެމަނިކުފާނަށްޓަކައި މިއަދު ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. 

ރައީސް ޔާމީން ޖަލައްލާފައިވަނީ ނުހައްގުން ކަމަށްބުނެ އިދިކޮޅުން މިއަދުގެ އިހުތިޖާޖު ފަށާފައިވަނީ މެންދުރު 1:30 ހާއިރު އެވެ. އެގޮތުން މާލޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ފޯނި ފަހަރުގައި ކަނޑުމައްޗަށް ނިކުމެފައިވާއިރު އިދިކޮޅުގެ އިސް ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ އެވެ. އަދި ރައީސް ޔާމީން އޮންނެވީ މާފުށި ޖަލުގައި ކަމުން، އިހުތިޖާޖުގެ ބައިވެރިންވަނީ ދޯނީގައި މާފުށި ކައިރީ ކަނޑުމަތީގައި އަޑުއުފުލާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ އިތުރުން ވެސް ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އިތުރު ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރ. ފުއްގިރިކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.  

23%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް