ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލުމަށް ނެގި ވޯޓް ފާސްވެފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. އަދި ދައުރު ދަންމާލުމާއި ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓްފަދަ މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ މިހިނގާ ތިން ވަނަ ދައުރު ޑިސެމްބަރު ހަތް ވަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ނިންމާަފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައިވަނީ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާއަށް ބަޖެޓް އިތުރު ކުރުމަށެވެ.