ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ވައިނުސާފުވެފައިވާ ދަނޑިވަޅެއްގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މި ހާފް މެރަތަން އިވެންޓްގައި ދުނިޔޭގެ އެންމެ އުހުގައި ތިބި ދިގު ދުވުންތެރިން ބައިވެރިވެފައިވެ އެވެ.
ފަސްދޮޅަހަށް ވުރެ ގިނަ ޕްރޮފެޝަނަލް ދިގު ދުވުންތެރިން މި ރޭހުގައި ބައިވެރިވެފައިވާ އިރު، މި އިވެންޓްގައި ބައިވެރިވި އިތުރު ފަރާތްތަކުން ދުވެފައިވަނީ އެހެނިހެން ސިޓީތަކުގައި ކަމަށް މި ރޭސް އިންތިޒާމް ކުރި ފަރާތްތަކުން މައުލޫމާތުދެ އެވެ.
މިއަދު އިވެންޓް ކުރިއަށް ދިޔަ ގަޑީގައި ދިއްލީގެ ވައި ނުސާފު ކަމުގައިވިޔަސް، އެހެނިހެން ދުވަސްތަކާއި އަޅާ ބަލާއިރު މިއަދު އުޑުމަތި ސާފުކަމަށް ދައްކަ އެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ބޯޑުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ނިއުދިއްލީގެ އެއާ އިންޑެކްސް 500 އިން 252 ގައި އުޅޭއިރު، މިއީ މި މަހުގެ ކުރީކޮޅު ރެކޯޑްކޮށްފައިވާ 488 އަށް ވުރެ ބޮޑު ތަނުން ދަށް އަދަދެކެވެ.
މި ރޭހުގައި ބައިވެރިވި ދުވުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ދިއްލީ ހާފް މެރަތަން ކާމިޔާބުކުރި އިތިއޯޕިއާގެ އަންޑަމްލަކް ބެލިހޫ އާއި، އެ ގައުމުގެ އަމެޑެވޯކް ވަލެލޭން ހިމެނޭ އިރު، މި އަހަރުގެ ދިއްލީ ހާފް މެރަތަން ރޭހުގެ އެއްވަނަ އަށް ދިޔައީ އަމެޑެވޯކް ވަލެލޭން އެވެ.
އިންޑިއާގެ ނިއުދިއްލީ އިން ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 8،900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދިއްލީ އިން ކޭސްތައް އިތުރުވެފައިވީ ނަމަވެސް، އިންޑިއާ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ކުރިއަށް ވުރެ ދަށްވެފަ އެވެ.