ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
އިހުމާލުވުމުން ފްލައިން ސްކޫލަށް ފިޔަވަޅު އަޅާނަން: ނަހުލާ
އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ 15 ދަރިވަރަކު އެތަނުން އަނެއްކާ ވެސް ވަކިކޮށްފައިވަނިކޮށް ދަރިވަރުންނާއި މެދު އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ނަހުލާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.  

އެގޮތުން ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. 

އިއްޔެ އާއި މިއަދު ފްލައިން ސްކޫލުން 15 ދަރިވަރަކު ވަކިކޮށްފައިވާއިރު ބައެއް ދަރިވަރުންނަށް އެއްވެސް އިންޒާރެއްދީފައި ނުވާ ކަމަށް ވެ އެވެ. މީގެ ކުރިން ބައެއް ދަރިވަރުން ވަކިކުރަން ނިންމާފައިވާކަން އަންގައި ފަހުން އެ ނިންމުން އަނބުރާ ގެންގޮސްފައި ވެސް އެބަހުއްޓެވެ. 

އެގޮތުން މިފަހުން އެ ނިންމުން އަނބުރާ ގެންދިޔައީ ދަރިވަރުން ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު ސްކޫލުގެ އިސްވެރިންގެ ކިބައިން އެދިގެންނެވެ. 

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރިން ވަނީ ކަންބޮޑުވުންތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފަ އެވެ.

ސްކޫލް ހިންގަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު ސްކޫލަށް ވަންނަ ކޮންމެ އާ ބެޗަކަށް ފީ ސްޓްރަކްޗާ ވެސް ބޮޑުވަމުން އަންނަ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ. 

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެގޮތުން ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް