ads
ޑރ.މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާއި މިނިސްޓަރު ޝާހިދު
އޯއައިސީގެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގެންފި
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ޤަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރެވެމުންދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި އޯ.އައި.ސީގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޗާޑްގެ ކުރީގެ ހާރިޖީ ވަޒީރު ހިސެއިން ބްރާހިމް ތާހާ އިންތިހާޞު ކޮށްފައިވެ އެވެ. 

އޯއައިސީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ހާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި އަދި ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަފުޅު ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށްވެސް ގޮވާލައްވާފައިވެ އެވެ.

އޭގެއިތުރުން މިނިސްޓަރު ޝާހިދު ވަނީ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ސައޫދީ އަރަބިއްޔާ، ތުރުކީ، ޕާކިސްތާން، މޮރިޓޭނިއާ، ސެނެގާލް އަދި ދަ ގެމްބިއާގެ ހާރިޖީ ވަޒީރުންނާއި މިނިސްޓަރު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫ.އޭ.އީ، އިންޑޮނީޝިއާ، ޔޫގަންޑާ، މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރިޔާޟްގައި ޓްރާންސިޓް ކުރެއްވިއިރު ސައޫދީ އަރަބިއްޔާގެ އިސް ބައެއް ބޭފުޅުންނާއެކު މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެ އެވެ. އެގޮތުން ސައޫދީގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު އާއި ސައޫދީގެ ޓޫރިޒަމް މިނިސްޓަރު އަދި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗެއަމަން އަހްމަދު އާޤިލް އަލް-ހަތީބް އާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު އަލްއީސާއާ ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިޤްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓަރު ޝާހިދު އެރުވި ކަމަށެވެ. 

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް