ads
މިނިސްޓަރު ވިދާޅުވިޔަސް ފައިސާ ލިބޭނެކަމުގެ ޔަގީންކަމެއް ނެތް: އަފީފް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ނަމަވެސް އަންނަ އަހަރު ބަޖެޓަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ނެތް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަފިފް ވިދާޅުވީ، މިބަޖެޓަކީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި، ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު ދަރަނި ކުޑަކުރިނަމަވެސް އަދިވެސް މިއީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށެވެ. 

އަފީފް ވިދާޅުވީ ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އަންނަ އަހަރު ބަޖެޓަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ. 

"ފިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ، ފައިސާ ލިބޭނޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭކަށް ނެތް ހަމަ ފިނޭންސް މިނިސްޓަރު ފައިސާ ލިބޭނޭ ވިދާޅުވީމާ، ލިބޭނެކަމަކަށް. އެ ލިބޭނެ ގޮތްތަކެއް އެބަ ޖެހޭ އިނގެން. ކޮންތާކުން ކިހިނެއްތޯ ހޯދަނީ. ދެން ވިދާޅުވަނީ ބޮންޑް ސްކޫކް އިޝޫކޮށްގެން ލިބޭނެޔޭ. މިއަހަރު ފެށުނީއްސުރެއް މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސްކޫކް ބޮންޑް ހޯދަން. އަދި މިއަދާ ހަމައަށް ލިބިފައެއްނެތް."

އަފީފް ވިދާޅުވީ ބަޖެޓްގައި އަދަދުތަކެއްޖަހާ ރައްޔިތުުންނަށް އުންމީދުތަކެއް ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ތަންފީޒު ނުކުރެވޭނަމަ ރައްޔިތުންގެ މާޔޫސްކަން ބޮޑުވާނެކަމަށް ވިދާޅުވި އެވެ.  

އޭގެ އިތުރުން އަފީފް ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނޭގޮތާއި މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ލިބޭ އާމްދަނީ ކުޑަވާގޮތަށް އަދި މަޝްރޫއުތައް އިތުރުވާގޮތަށް ވާހަަކަ ދެއްކުން ގަބޫލުނުކުރެވޭކަމަށާއި، ދައުލަތަށް އާމްދަނީ ހޯދުމަށް އޮތް މަގުތައް އިތުރުކުރަންޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް