ads
ވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް-- ފޮޓޯ: ދަ ޕްރެސް
ގާޒީ ބާރީ މަގާމުން ވަކިކޮށްފި
ސަސްޕެންޝަނުގައި ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

ގާޒީ ބާރީ މަގާމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. އަދި ވަކިކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. 

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ގާޒީ އަބްދުލްބާރީ އާއި ގުޅޭގޮތުން އެކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ގާޒީ އަބްދުލްބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ އަބްދުލްބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހްގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.

އެމައްސަލަތަކުގެ ތަހްގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު އާއި ގާޒީ އަބްދުލްބާރީ އާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަހްމަދު އަދީބު އާއިއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ އަބްދުލްބާރީ ބައިވެރިވިކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ. 

އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބު ރައީސް އަހްމަދު އަދީބަށް ފޮނުވުމަށް ގާޒީ އަބްދުލްބާރީ ޔޫސުފު އެހުކުމް ދިންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ގާޒީ އަބްދުލްބާރީގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ގާޒީ އަބްދުލްބާރީ އަށް ދީފައިވާކަމަށް ވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް